ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިން އަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމު:

  1. ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް ދެ މީހަކަށް ޓުއާ ޕެކޭޖް (މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ)
  2. މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 15 މޭ އިން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް 20،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެ އެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯގެ ދަށުން 25،000 އާ ހަމަޔަށް އެދި ހުށަހެޅޭނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގެ ދަށުން ދެ ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާ އާ ހަމަޔަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.