އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާ މިދިޔަ އަހަރު 186 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.

އެސްޓީއޯ ގްރޫޕްގެ ތެރޭގައި ފިއުލް ސަޕްލައިސް، މޯލްޑިވްސް ގޭސް، މޯލްޑިވްސް ސްޓޭޓް ޝިޕިން، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް އަދި އެސްޓީއޯ ސިންގަޕޯ ވެސް ހިމެނެ އެވެ.

ސަރުކާރާއި އާއްމުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން އިއްޔެ އާއްމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 32 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުމާއިއެކު، ފިޝަރީސް، ޝިޕިން އަދި ގޭސް ގެ އާމްދަނީ އިތުރުވެފައިވުން،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 10.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 8 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެއާއެކު ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާއަކީ 186 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 47 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ވިއްކި ތެލުގެ އަދަދު އިތުރުވުމާއިއެކު ކުންފުނިން ކުރަމުންގެންދިޔަ އެހެނިހެން ވިޔަފާރި ރަގަޅު ވެފައިވުމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ. "މިފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ."

އެ ކުންފުނިން ބުނީ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.