ސ. ވިލިނގިލީގައި ހިންގި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ސަރުކާރުގެ ހިއްސާ ގަންނަން ދައްކަން ޖެހޭ އަދަދު މިހާރު 85 މިލިއަން ޑޮލަރަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކީ އެކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައި އޮތް އެގްރިމެންޓް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު ކުރެވިފައި ހުރި އެގްރިމެންޓްތަކުގެ ސަބަބުން ދައުލަތައް ނިހާޔަތައް ގެއްލުންވޭ. [ޝަންގްރިއްލާ] އެގްރިމެންޓް ލިޔެވިފައި އޮތް ގޮތުން މިހާތަނަށް އައިއިރު (ދިވެހި ސަރުކާރަށް) ޝަންގްރިއްލާއިން 68 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާއެކު ހަދާފައިވާ އެގްރިމަންޓްވާ ގޮތުން އެ ކުންފުނިން ނަގާފައިވާ ލޯނުގެ 30 ޕަސެންޓްގައި ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮތް ގޮތަކީ އެބޭފުޅުންގެ ހިއްސާ ވިއްކުން. ނަމަވެސް މަޖިލީހުން ފާސްކޮށްފައި އޮތް މަފްހޫމާ ހެދި ރަށުގެ ސައިޒްގެ ސަބަބުން ވަރަށް ބޮޑު އަދަދެއް އަރާ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ގަތުމަށް 80 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް މިހާރު އަރާ ކަމަށެވެ.

"މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަޅުގަނޑުމެން ނުރަސްމީކޮށް ކުރި މަޝްވަރާތަކަށް ފަހު މިހާރު ވާނެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި ވާނީ ރިސޯޓްތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލުކުރުމަށް ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތައް ބަދަލު ގެނެވިއްޖެނަމަ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ޝަންގްރިއްލާ ހުޅުވުން ވެގެން ދާނީ އައްޑޫ ސިޓީއަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަކަށް،" މިނިިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޝަންގްރިއްލާ ބަންދުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީހުތަކެއް ވެސް ދީފަ އެވެ.

ޝަންގްރިއްލާއާއެކު ސ. ވިލިނގިލީގައި ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެ އެވެ.

މިނިސްޓަރު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ނަގާ ލޯނާއެކު ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

"ޝަގްރިއްލާއަކީ 284 އެނދުގެ ތަނެއް. އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލަސް ފައިނޭންސް ކުރަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެ އަގަށް 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމަ. ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ ހިއްސާ ދޫކޮށްލަން."