ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކްރޮސްރޮޑްސްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިޖަލްސާ ތިން ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ހިއްސާދާރުންނަށް އޮންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ. އެއީ ޖަލްސާ ތަނަށް ހާޒިރުވެގެން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނުވަތަ މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ ވެބް ޕޭޖް އިން ރަޖިސްޓްރީ ކުރެވޭ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެސްޓީއޯއިން ބުނީ ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ މި މަހުގެ 29 ގެ ރޭގަނޑު 9:00 އާ ހަމައަށް ކަމަށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހު 30ގައި ބާއްވަން ނިންމާފައިވާއިރު އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމިއިރު މިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާ އެވެ.