Advertisement

30 އަހަރު ތެރޭގައި ޗައިނާގެ އިޤްތިޞާދު ކުރިއެރި އެންމެ ލަސްމިނުގައި

FacebookTwitterWhatsAppTelegramViber

30 އަހަރު ތެރޭގައި ޗައިނާގެ އިޤްތިޞާދު މިހާތަނަށް ކުރިއެރި އެންމެ ލަސްމިނުގައި މިހާރު ހުރި ކަމަށް ވަރަށް ފަހުން ނެރުނު މަޢުލޫމާތުތަން ދައްކައިފި އެވެ. މައިގަނޑު ދެ ސަބަބަކީ، އެތެރޭގެ ހޭދަކުރުން ނުވަތަ ކޮންސަމްޕްޝަން ދަށަށް ދިއުމާއި، އެމެރިކާއާ އިދިކޮޅަށް ކުރެވެމުންދާ އިޤްތިޞާދީ ހަނގުރާމައިގެ ގެއްލުންތަކެވެ.

އެމެރިކާއާ އެކު ކޮންމެވެސް ވަރެއްގެ ވިޔަފާރީގެ އެއްބަސްވުމަކަށް މިހާރު އާދެވިފައި ވުމާއެކު، އިޤްތިޞާދު ކޮންމެވެސް ވަރަކަށް މިހާރު ހަމަޔަކަށް އެޅެމުންދާ ކަމަށް ޗައިނާ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ދާއިރު، އަދިވެސް ވަރަށް ގިނަ ދަތި އުނދަގޫ ކަންތައްތައް ޗައިނާ އަށް އެބަހުއްޓެވެ. އޭގެ ތެރޭގައި، އަދިވެސް އެމެރިކާ އިން އެތަކެއް ބިލިޔަން ޑޮލަރެއްގެ އަގުހުރި ޗައިނާގެ މުދަލުން ޓެރިފް ނުވަތަ ކަސްޓަމްސް ޑިއުޓީ ނެގުން ހިމެނެއެވެ.

މިދިޔަ އަހަރު ޗައިނާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ކުރިއަރާފައިވަނީ، 6.1 ޕަސެންޓަށެވެ. އެއީ، 1990 ގެ ފަހުން ޗައިނާގެ ޖީޑީޕީ ކުރިއެރި އެންމެ ލަސް މިން ކަމަށް ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރުނު މަޢުލޫމާތުތަކުން ދައްކައެވެ.

އެ ޢަދަދަކީ، ކުރިން އެނަލިސްޓުން އަންދާޒާކުރި 6 ޕަސެންޓާ 6.5 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ވާއިރު، ޖީޑީޕީގެ ކުރިއެރުން 2018 ވަނަ އަހަރުގެ 6.6 ޕަސެންޓަށް ވުރެ ދަށެވެ. މިދިޔަ އަހަރު ޗައިނާގެ ޖުމްލަ ޖީޑީޕީ އަކީ 99.08 ޓްރިލިޔަން ޔުއާން (19.4 ޓްރިލިޔަން އެމެރިކާ ޑޮލަރު) އެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާގެ އިޤްތިޞާދު ގައި މި ހިނގަމުންދާ ދިހަ އަހަރުގެ ކުރީކޮޅު ހުރި ބާރާއި ފަންވަރު މިފަހަކަށް އައިސް ދަނީ ގެއްލެމުންނެވެ. އޭރު، ޗައިނާ ގެ އިޤްތިޞާދު 10 އަކުން މަތީގެ ޕަސެންޓުން ދިޔައީ ކުރިއަރަމުންނެވެ.

އެނަލިސްޓުން އިންޒާރުދޭ ގޮތުގައި، ޗައިނާގެ އިޤްތިޞާދީ ކުރިއެރުން އަދިވެސް ދާނީ މަޑުޖެހެމުންނެވެ. އެއާއެކު، މި އަހަރުގެ ޖީޑީޕީ ކުރިއެރާނެ ކަމަށް ލަފާކުރެވެނީ 5.5 ޕަސެންޓަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top