މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުން އަންނަ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރަން ނިންމި ނަމަވެސް އެ އަގާ މެދުގައި ވަކިގޮތެއް ނިންމިފައި ނުވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)އިން ބުނެފި އެވެ.

އެމްޕީއެލްއިން މިހެން ބުނީ މާލެ ސިޓީ ކައުންސިލްގެ އައު ދައުރަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ އެއްވެސް މިންވަރެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. އަދި ޓީޖެޓީ ސަރަހައްދުން ލިބޭ އާމްދަނީން ރައްޔިތުންނަށް އެތައް ހިދުމަތެއް ކޮށްދެވޭނެ ކަމަށާއި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މިކަމާ ގުޅީގެން އެމްޕީއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީން ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަށް ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި މި އެންގުމާ އެއްގޮތަށް އެ ކުންފުނިން މާލެ ސިޓީ ކައުންސިލާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އެމްޕީއެލްއިން ބުނެ އެވެ.

އަދި އެމްޕީއެލްއިން ހުށަހަޅާފައިވާ އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާއިރު ކައުންސިލުން ހުށަހަޅާފައިވާ އަގަކީ ބޮޑު އަގެއް ކަމަށް އެކުންފުނިން ބުނެ އެވެ.

"މި ކުންފުނިން ފައިނޭންޝިއަލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސް ނުވެ، އެބޭފުޅުން ހުށަހަޅާފައިވަނީ އަޅުގަނޑުމެން ހުށަހެޅި އަގަށް ވުރެ ބޮޑުތަނުން ބޮޑު ރީޒަނަބަލް އަގެއް ނޫންކަން މި ފުރުސަތުގައި ފާހަގަކޮށްލަން. އަދި އެއީ ފައިނޭންޝިއަލީ ފީޒަބަލް އަގެއް ވެސް ނޫން. އަޅުގަނޑުމެން މިހާރު ވާނީ މި މަޝްވަރާތަކުގެ މައުލޫމާތު ރައީސް އޮފީހާއި ހިއްސާކޮށްފަ. އެއްވެސް އިރެއްގައި މާލެ ސިޓީ ކައުންސިލުން މަޝްވަރާގެ މޭޒަށް ދައުވަތު ދިނުމުން މި ކުންފުނިން އެއަށް ޖަވާބެއް ނުދީ ނުވަތަ ބައްދަލުނުކުރާ ވާހަކައަކީ އެންމެ ރަނގަޅު ވާހަކައެއް ނޫން،" އެމްޕީއެލްއިން ބުންޏެވެ.

މާލެ ޓީ ޖެޓީ ކައުންސިލާއި ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ހަމަވުމުން އެތަނާ ހަވާލުވުމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ގޮސްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ ކަންކަމާއި ސަރުކާރުން ދަތިކުރާތީ އެކައުންސިލަށް އެއްވެސް ކަމެއް ނުވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.