ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް މާލެ ސަރަހައްދުން 44 ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާއެކު، މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 44 ތަނަކަށް ވަނީ އެ ހުއްދަ ދޫކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 17 ތަނަކާއި، ހުޅުމާލޭގެ 26 ތަނެއްގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓެލް އެވެ. އެ ހޮޓަލަކީ ކުރިން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.

ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެނީ އެކަމަށް ޚާއްސަކޮށްފައިވާ ގައިޑްލައިނާއި އެޗްޕީއޭގެ މިންގަޑުތަކަށް ފެތޭ ތަންތަނުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ތަންތަނަށެވެ.

މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހު ވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖޭގެ ރިސޯޓްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ވެސް ހުޅުވުމުގެ ހުއްދަވަނީ ދީފަ އެވެ. އެ ހުއްދަތައް ދީފައިވަނީ ވެސް ވަކި ޚާއްސަ ގައިޑްލައިންތަކަކާއެކު އެވެ.