Advertisement

އާންމު ހިއްސާދާރުންނަށް އުރީދޫގެ ބޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި

FacebookTwitterWhatsAppTelegramViber

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.

މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާ އެންމެ ފަހުގެ ތާރީހަކަށް އޭރު އިއުލާންކޮށްފައި ވަނީ މިއަދެވެ.

އެހެން ނަމަވެސް، އުރީދޫން މިހާރު ވަނީ ޖެނުއަރީ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް މުއްދަތު އިތުރުކޮށްފަ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުން. ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަހްސެއް ނަމަ، އެ ޝަހްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައިވުން.
  • ކުންފުނީގެ ގާނޫނު އަދި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކޮށްފައިވާ ކޯޕަރަޓް ގަވަނަންސް ކޯޑްގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވާ ފަރާތެއް ކަމުގައިވުން.
  • ސީއެމްޑީއޭ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
  • ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޔުނިވަސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ބައިނަލްއަގްވާމީ ނުވަތަ ދިވެހިރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާ އެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
  • ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުން.

އުރީދޫ އިން ބުނީ، ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާ އެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އިއުލާނު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ހާއްސަ އޭޖީއެމްގައި ހިއްސާދާރުން އިސްލާހު ކުރަން ފާސްކޮށްފައިވާ، ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ ޑިރެކްޓަރު ކަމަށް އިންތިހާބުކުރެވޭ އަހަރީ އާންމު ޖަލްސާ އިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށް ކަމަށެވެ. އެހެންކަމުން، އަންނަ މާޗު މަހު ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށްކަން އެ ކުންފުނިން ފާހަގަކުރި އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް، ހ. ސަންލީޓު (ފަސް ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ، އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ (އާދިއްތަ އިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެ ކަމަށެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ، އުރީދޫ އިން ބުނި ގޮތުގައި، ހ. ސަންލީޓު (ފަސް ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށެވެ. އަދި ފޯމު އީމެލް ކުރާ ނަމަ، [email protected] އަށް އީމެއިލްކުރަން އެ ކުންފުނިން ވަނީ އެދިފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top