ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ޔުނިވާސިޓީ/ކޮލެޖް ދަރިވަރުންނަށް މައުލޫމާތުދިނުމަށް ޕެނެލް ޑިސްކަޝަންއެއް މިއަދު ބާއްވައިފި އެވެ.

ދިރާގުގެ އޮފީހުގައި ބޭއްވި ޕެނެލް ޑިސްކަޝަންގައި ވާހަކަދެއްކެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި ކުންފުނީގެ އެހެން ބައެއް އިސް ވެރިންގެ ޓީމަކުންނެވެ.

މި ޕެނަލް ޑިސްކަޝަންގެ ބޭނުމަކީ ޒުވާނުން ބައިވެރިކޮށް، ޑިޖިޓަލް ކޮމިއުނިޓީއެއް ބާރުވެރިކުރުވައިގެން ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމުގައި އެ ކުންފުނިން އަދާކުރާ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ. އެ ދަރިވަރުންނަކީ މުސްތަގުބަލު ބައްޓަން ކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ކުރާނެ، މުސްތަގުބަލުގެ ލީޑަރުން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި އަހަރުގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ ޝިއާރަކީ "އުމުރުން ދުވަސްވީ މީހުންނާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ. އެ ޝިއާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުގެ ހުރިހާ ހިދުމަތަކީ ހުރިހާ އުމުރުފުރައަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުން މުއްސަނދިކުރުމަށް މަގުފަހިކޮށްދޭ ހިދުމަތެއްކަން ދިރާގުން ކަށަވަރުކުރާ ކަމަށެވެ.