ސްޓެލްކޯގެ ނެޓްވޯކާ ގުޅާލަން ހުޅުލެއިން އެއްގަޑިއިރަށް މިރޭ ކަރަންޓު ކަނޑާލަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (އެމްއޭސީއެލް) ކުރި ޓްވީޓެއްގައި ބުނިގޮތުގައި ކަރަންޓް ކަނޑާލާނީ މިރޭ ދަންވަރު 1 އިން 2 އަށެވެ.

އެ ކުންފުނިން ބުނީ، ކަރަންޓް ކަނޑާލަނީ ސްޓެލްކޯއާ ގުޅިގެން "ޕަވާ ސިންކްރޮނައިޒޭޝަން" ހަރަކާތެއް ހިންގުމަށް ކަމަށެވެ. އެއީ އެއާޕޯޓުގެ އިންޖީނުގެ އާއި ސްޓެލްކޯގެ ގްރޭޓާ މާލޭ ކަރަންޓް ވިއުގައާ ގުޅުވާލުމަށް ހިންގާ ހަރަކާތެކެވެ.

ހުޅުލެއިން އެއްގަޑިރަށް ކަރަންޓު ކަނޑާލިޔަސް އެ އެއާޕޯޓުގެ ދަތުރުފަތުރުގެ ހިދުމަތަކަށް ބުރުލެއް ނާރާނެ އެވެ. އެއީ އެގަޑީގައި ފުރާ އަދި ޖައްސާނެ ފްލައިޓެއް ނޯންނާނެތީ އެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްއަށް ބަލާއިރު މިރޭ އެންމެ ފަހުން ފުރާނީ 11:40ގައި މާލެއިން ފުރައިގެން ދުބާއީއަށް ދާ ފްލައި ދުބާއީގެ ފްލައިޓެވެ.

ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައި ވަނީ އެމްއޭސީއެލް އާއެކު ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓް ދޭން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާފައިވެ އެވެ.

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައް ވެސް ބަހައްޓާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.