ޓީ ޖެޓީ އިން ލިބޭ އާމްދަނީއިން ބައެއް ހޯދުމަށް ކައުންސިލުން ހުށަހެޅި އަގަކީ ބޮޑު އަގެއް ނޫން ކަމަށާއި އެއަގު ކަނޑައަޅާފައި ވަނީ އެމްޕީއެލްއަށް ލިބޭ އާމްދަނީއަށް ބަލާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އެމްޕީއެލް އަށް ބޮޑު އާމްދަނީއެއް ލިބުނުކަމުގައި ވީނަމަވެސް މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް، މާލޭ ސިޓީ ކައުންސިލަށް ދޭން ކައުންސިލުން ހުށަހެޅި އަގުތަކާ މެދު ކުންފުނިން އެއްބަސްވެފައި ނުވާ ކަމަށެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ ޓީޖެޓީ މައްސަލައިގައި އެމްޕީއެލް އިން ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައި ނުވާ ކަމަށާއި ކައުންސިލުން ބޭނުންވަނީ ވަރަށް ބޮޑު އަގެއް ނެގުމަށް ކަމަށް އެމްޕީއެލުން ބުނެފައިވާ ވަގުތެއްގައި އެވެ.

"އެ އަދަދަކީ ބޮޑު އަދަދަކަށް ވެގެން ނުވާނެ. އެއީ އެ ކުންފުންޏަށް ދެވޭނެ އަދަދެއް. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ހިސާބުތައް، އެބޭފުޅުންނަށް ލިބޭ އާމްދަނީގެ. ކުރާ ހަރަދުތައް ވެސް އިނގޭ. އެ ހުރިހާ މައުލޫމާތެއް އެއްކޮށްގެން އެ އަދަދު އަޅުގަނޑުމެން ކަނޑައެޅީ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ޕޯޓުގެ ބިންތަކަކީ މާލޭ ސިޓީ ކައުންސިލްގެ މިލްކެއް ކަމަށާއި އެތަންތަން ކުރީގެ ސަރުކާރުގައި އެމްޕީއެލްއާ ވަގުތީ ގޮތުން ހަވާލުކުރީ ތިން އަހަރުގެ އެމްއޯޔޫއެއްގެ ދަށުން ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔަތާ ހައެއްކަ އަހަރުވެފައިވާތީ އެއްބަސްވުމުގެ އަސްލު ވަނީ ނެތިގެން ގޮސްފައިކަމަށެވެ.

ޤާނޫނީ ގޮތުން، ޓީޖެޓީގެ ބާރުވެރި ފަރާތަކީ މާލެ ސިޓީ ކައުންސިލްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި އެތަނުން އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަނެއް އެއީ. މިސާލަކަށް އަޅުގަނޑުމެންގެ ގޯއްޗެއް، އެހެން ބަޔަކު އެތަން ބޭނުންކުރަމުން ދަނީ. އަޅުގަނޑުމެން މި ދަންނަވަނީ ތި ތަނުން ނިކުންނާށޭ. އެކަމަކު ވެސް އެތަން ހަވާލެއް ނުކުރޭ. އެ ތަން އަޅުގަނޑުމެންނަށް އާމްދަނީއެއް ދޭކަށް ބޭނުމެއް ނުވޭ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ޓީޖެޓީ ހިންގަމުން އަންނަ ސަރަޙައްދު އެމްޕީއެލުން ހިލޭ ބޭނުންކުރާތީ އެތަން ހުސްކުރަން އެމްޕީއެލް އަށް 90 ދުވަހުގެ މުއްދަތެއް މިދިޔަ އަހަރު ދިންނަމަވެސް އެ މުއްދަތު ހަމަވެގެން އިތުރު ހަފްތާއެއް ދިނުމުން ވެސް އެތަން ހުސްކުރަން އެ ކުންފުނިން ދެކޮޅު ހެދުމުން ކައުންސިލުން އެތަނާ ހަވާލުވާން އެ ސަރަޙައްދަށް ވެސް ވަނީ ގޮސްފަ އެވެ.