ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ކާޑު ދޫކުރުމުގައި އެންމެ ދަށް އާމްދަނީގެ ގޮތުގައި ބަލާ މިންވަރު 7،500ރ. އިން 4،000ރ. އަށް ދަށްކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްދޭ ބޭންކުން މިއަދު ބުނީ ކްރެޑިޓް ކާޑު ދޫކުރާ މީހުންގެ ޝަރުތުގައި ހިމެނޭ، ލިބޭ އާމްދަނީގެ މިންވަރު އެހާ ބޮޑަށް ކުޑަކުރީ، ކްރެޑިޓް ކާޑަށް ގިނަ ބަޔަކަށް ކުރިމަތިލެވޭނެ މަގު ފަހިކޮށްދޭން ކަމަށެވެ.

މި ބަދަލާ އެކު ބީއެމްއެލް އިން ވަނީ ކްރެޑިޓް ކާޑުގެ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މިމަހުގެ 15 އިން އަންނަ މަހުގެ 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، އަލަށް ކާޑު ހައްދާ މީހުން ދައްކަން ޖެހޭ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ދައްކާކަށް ނުޖެހޭނެ އެވެ. އަދި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވް ކުރާ 200ރ. ވެސް ކާޑަށް ކޭޝްބެކްކޮށްދޭން ވަނީ ނިންމައިފަ އެވެ. އަދި ކޮންމެ ކާޑަކަށް ވެސް ކޭޝްބެކްގެ ގޮތުގައި 2،500ރ. ދޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ހަފްތާ އަކު ކްރެޑިޓު ކާޑަށް އެދި ހުށައަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް 5،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި އެންމެ ފުރަތަމަ އެޕްރޫވްކުރާ 2،000 ކާޑަށް ބީއެމްއެލްގެ 3،000 ރިވޯޑް ޕޮއިންޓްސް ވެސް ލިބޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހުރިހާ ހިދުމެއް ދޭ ބީއެމްއެލްގެ ކާޑު ހޯލްޑަރުންގެ ހަ ލައްކައަށް އަރަ އެވެ.