އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ތިން ފަޅެއް ވިއްކަން އިއުލާން ކޮށްފައިވަނީ، އެ ފަޅުތަކާ ގުޅޭގޮތުން ކުރާ ތަހުގީގުތަކުގެ މައުލޫމާތުތައް ހޯދައި، އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އާއްމު އުސޫލުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ތިން ފަޅު ވިއްކާލުމުގެ ކުރިން އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން އިއުލާން ކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ފާހަގަކޮށްފައިވާ ތިން ފަޅުގެ ތެރެއިން ދަރަންޏެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ތިން ފަޅަކީ މާލެ އަތޮޅުގައި ހިމެނޭ ތިން ފަޅެވެ. އެ ފަޅުތަކަކީ ސިންގަޕޫރުގެ ސަނީ ހޯލްޑިންސް އަށް ކ. މާފުށީ ކައިރިން ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސް އިން ކުއްޔަށް ނަގާފައިވާ ކ. ވާވެއްދި ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ. ތޮޅިމަރާހުރާ ފިނޮޅާއި ފަޅެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތިންފަޅު ވެސް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅުތައް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާފައިވާތީ، އެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ އެކަން ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ތިން ފަޅު ވިއްކާލަން އިއުލާން ކޮށްފައިވަނީ ދައުލަތުގެ ތަހުގީގީ އިދާރާތަކާއި، ޕީޖީ އޮފީހުން ވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. އެ ގޮތުން އެ ތިން ފަޅާ ގުޅޭ އެއްވެސް ތަހުގީގެއް ވެސް އަދި އެ ތިން ފަޅާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ވެސް ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތަހުގީގީ އިދާރާތަކުން މިހާރުވެސް ދަނީ ގިނަ މައްސަލަތަކެއް ތަހުގީގް ކުރަމުންނެވެ. އޭގެ ތެރޭގައި ރިސޯޓް ހެދުމަށް އޭރު ދޫކުރި 30 އަށްވުރެ ގިނަ ފަޅުގެ މައްސަލަ ހިމެނެ އެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންއޮތް ތިން ބިލިޔަން ރުފިޔާގެ ޚިޔާނާތާއި ގުޅުންހުރި ފަޅުތައް ވެސް ހިމެނެ އެވެ.