ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން އިއުލާނުކުރި ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވް, "ގާލްސް އިން ޑޭޓާ" ފަށައިފި އެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް އިން ބައްދަލުކޮށް، ޕްރޮގްރާމްގެ އޮރިއެންޓޭޝަން ސެޝަންއެއް ވަނީ ދިރާގުގެ ހެޑް އޮފީހުގައި ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގުން ބުނިގޮތުގައި "ގާލްސް އިން ޑޭޓާ" އަކީ ޑޭޓާ އަށް ބަރޯސާވެފައިވާ މިއަދުގެ ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން އެޅޭ ފުރަތަމަ ފިޔަވަޅެވެ. އަދި މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ. އަދި 14 ސެޝަންއަށް ބަހާލައިގެން ދޮޅު މަސް ދުވަހަށް ދެމިގެންދާ މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އެއިން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

"ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ ގްރޭޑް 5 އާއި 7 އާއި (10 އަހަރާއި 13 އަހަރާ) ދެމެދުގެ މާލެ ސަރަހައްދުގެ އަންހެން ކުދިންނަށް އަމާޒުކޮށެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. މީގެ އިތުރުން މިޕްރޮގްރާމް ސްޓަރަކްޗާ ކުރެވިފައިވަނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ޒިޔާރަތްކޮށް ފީލްޑް ޓްރިޕްތައް ވެސް ހިމަނައިގެންނެވެ. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާދިނުމުގެ ބޭނުމުގަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަޑު މަގުސަދަކީ، ޅައުމުރުގައި ވެސް އަންހެންކުދިންގެ މެދުގައި ޑޭޓާ އާއި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި ޖެންޑާ ގެޕް ކުޑަކުރުމަށް ބާރުއެޅުމެވެ. އަދި "ގާލްސް އިން ޑޭޓާ" ގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން "ގާލްސް ޓު ކޯޑް" ސީރީޒް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެ އެވެ.