ހއ. ހޯރަފުއްޓަށް މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.

ހޯރަފުށީގައި ހުންނަވައި އައިއޭއެސްގެ މިީޑިއާ ޑިރެކްޓަރ މޫސާ ވަސީމް "ހުރިހާ"އަށް ވިދާޅުވީ އެ ރަށުގެ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފަށަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއަކު ތިން ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ރަށުގެ އެއާޕޯޓު ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯރަފުއްޓަށް ކުރާ ދަތުރުތަކުގައި ޓިކެޓް ވިއްކާނީ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދުއަށް ކުރާ ދަތުރުތަކުގައި ނަގާ ރޭންޖްގައި ކަމަށެވެ.

މިއީ ހއ. އަތޮޅުގައި ހުޅުވި ފުރަތަމަ އެއާޕޯޓެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.