ހއ. ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ލާމަރުކަޒުކުރަން ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެއާޕޯޓާއެކު ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމުގެ ހަފުލާގައި ރައީސް ސޯލިހު މިއަދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

"މި އެއާޕޯޓަކީ މި ސަރަހައްދުގެ ޓޫރިޒަމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. މި އެއާޕޯޓާއެކު ރަށު ފަތުރުވެރިކަން ފަށަންވީ ވަގުތު މިވަނީ ޖެހިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

މި އެއާޕޯޓަކީ މި ސަރަހައްދުގެ ޓޫރިޒަމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. މި އެއާޕޯޓާއެކު ރަށު ފަތުރުވެރިކަން ފަށަންވީ ވަގުތު މިވަނީ ޖެހިފައި
ރައީސް

ރައީސް ސޯލިހު ވިދާޅުވީ ހޯރަފުށީގައި ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރާނެ ބިންތަކެއް މިދިޔަ ހޯމަ ދުވަހު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އެކަން ވީއެންމެ އަވަހަށް ފެށުމަށް އެ ރަށު ކައުންސިލަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

"މިއަތޮޅުގައި ޓޫރިޒަމްގެ މާގިނަ ފުރުސަތު ނެތަސް ކުރިޔަށް އޮތްތަނުގައި ތަނަވަސްވާނެ. އެ ގޮތުން ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ހެދުމަށް ވަނީ ބީލަމަށް ހުޅުވާލެވިފައިވާނެ. އޭގެ އިތުރުން އުލިގަމުގައި ޔޮޓްމެރިނާއާއެކު ޓޫރިސްޓް ހެދުމަށް ދެވަނަ ފަހަރަށް ހުޅުވާލެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އަތޮޅުގައި ރިސޯޓު ހެދުމަށް އިތުރު ދެ ރަށެއް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. އޭގެ އިތުރުން އަންނަ އަހަރު މ. މުއްޔާއި، ށ. ބިލެއްފަހި އަދި ބ. ތުޅާދޫގައި އެއާޕޯޓް ހެދުމަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމުގެ ހަފުލާގައި ރައީސް ސޯލިހު މިއަދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.