އެމްޓީސީސީގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދު ކަމަށްވެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ފަސް ރުފިޔާގެ މޫނުމަތީ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 ޕަސެންޓް ވޯޓުންނެވެ. އެގޮތުން މި އަދަދު ބެހުމަށް ވޯޓުދީފައި ވަނީ 396 ހިއްސާދާރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 257 ހިއްސާދާރުންނެވެ.

މި ޖަލްސާގައި 2021 ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރައިސް ވޯޓާ ހައުސްކޫޕާސް އެވެ.

އެމްޓީޓީސީން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އެމްޓީސީސީ

އެ ކުންފުނިން ހުށައަޅާފައިވަނީ 47،8590 ރުފިޔާ އެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައި ވަނީ މުހައްމަދު އިމްރާން އަދުނާނާއި ނަސްރަތު މުހައްމަދެވެ.

މި ޖަލްސާގައި އޮންލައިންކޮށް ވެސް އަދި ޖަލްސާއަށް ހާޒިރުވެގެން ވެސް ހިއްސާދާރުން ބައިވެރިވި އެވެ. ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވެފައިވަނީ 69 ހިއްސާދާރުންނެވެ. އެއީ 5.6 މިލިއަން ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނެވެ. ޖަލްސާގައި މުޅި ޖުމްލަ 70 ޕަސެންޓަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.

މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ 21 ޕަސެންޓް އިތުރުވެފައިވެ އެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފަ އެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ އެވެ.

އެ ކުންފުނީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމި އިރު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގަައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.97 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2020 ވަނަ އަހަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ. އެ އަހަރު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 172ރ. އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 145ރ. އެވެ. އަދި 2019 ވަނަ އަހަރު އަދަދަކީ 123ރ. އެވެ.