ޖެންޑާ މިނިސްޓްރީން ހިންގާ، ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އެކި މަރުކަޒުތަކަށް ދިރާގުގެ ބައެއް ހިދުމަތްތައް ހިލޭ ދޭން ނިންމައިފި އެވެ.

ދިރާގުން ދޭން ނިންމާފައި ވަނީ ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތެވެ. މި އެހީތައް މަރުކަޒުތަކަށް ދިނުމާ ބެހޭ ގޮތުން ދިރާގާއި ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ދިރާގުގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެ ކަމަށާއި، ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ދިރާގުން އެ މުއައްސަސާ އަށް އަބަދު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފާހަގަކުރައްވައިފަ އެވެ.

މިއީ ދިރާގުގެ ސީއެސްއާރުގެ ދަށުން ދޭން ނިންމި ހިދުމަތްތަކެކެވެ. ދިރާގުން އެހީ ދޭން ކަނޑައަޅާފައި ވަނީ ހަ މަރުކަޒަކަށެވެ. އެއީ ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ޏ. ފުވައްމުލަކުގެ އަމާން ވެށި މަރުކަޒުތަކަށެވެ.

މީގެ އިތުރުން އަލަށް ގާއިމު ކުރުމަށް ހަމަޖެހިފަވާ ފަސް މަރުކަޒަކަށް ވެސް ދިރާގުން އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ، ނ. މަނަދޫ، މ. މުލައް، ޅ. ނައިފަރު އަދި ސ. ހިތަދޫގެ އަމާން ވެއްޓާއި ހދ ކުޅުދުއްފުށީގެ އަމާންހިޔާ އެވެ.

މިއީ މަރުކަޒުތަކުގައި ތިބި ކުޑަކުދިންނަށް އުނގެނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން އިސްނަގައިގެން ދޭ ހިދުމަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނާއި އާއިލާތައް ރައްކާތެރިކޮށްދޭ 11 މަރުކަޒެއްގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

ދިރާގަކީ، ސަރުކާރުން ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރު ކޮށްދޭ އެކި މަރުކަޒުތަކަށް ކެނޑިނޭޅި ގިނަ އެހީތައް ސީއެސްއާރުގެ ދަށުން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ދިރާގުން އަންނަނީ ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވައްޗަށް ވެސް އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ދެމުންނެވެ.