މާލެ ތިލަފުށި ގުޅުވައިދޭޭ ތިލަމާލެ ބްރިޖްގެ ޓެސްޓް ތަނބަށް ކޮންކްރީޓް އަޅާފައިވާ ކަމަށާއި، އެކަން ކާމިޔާބު ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖް ގާއިމްކުރުމަށް ބޭނުންވާ ސިމެންތީގެ ތެރެއިން މަދު އަދަދެއްގެ ސިމެންތި ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯ އާއި ވެސް ވަނީ ހަވާލުކޮށްފަ އެވެ. މިކަން ފާހަގަކުރައްވާ އަމްރު ވިދާޅުވެފައި މި މަސައްކަތް ކުރުމަކީ އެސްޓީއޯއަށް ލިބޭނެ ފަހުރެއް ކަމަށެވެ.

"މިމަޝްރޫއު ހަގީގަތަކަށް ހެދުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އަމްރު ވަނީ ވިދާޅުވެފަ އެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމަށްޓަކައި އެސްޓީއޯ އާއި އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެއްއަހަރު ދުވަހަށް ސޮއިކުރި އެ އެގްރީމަންޓްގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފަ އެވެ.

7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓަކީ މާލޭގައި 15 ވަރަކަށް ބުރީގެ އިމާރާތެއް އެޅޭވަރުގެ ސިމެންތި އެވެ. އެހެންކަމުން އެއީ މުޅި ބްރިޖަށް ހޭދަކުރާނެ ސިމެންތި އާއި އަޅައި ބަލާއިރު ވަރަށް މަދު އަދަދެއްގެ ސިމެންތި އެވެ.

އެ ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައިކުރުމަށްޓަކައި ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި އެކަމަށްޓަކައިވާން ޖެހޭ ތައްޔާރީތައް ފުރިހަމަ ކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތް ކޮންކްރީޓަށްވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރުވަނީ ގާއިމުކުރެވިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެ ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައިކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެސްޓީއޯއިން ބުނެ އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖު އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ.