ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މިކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، މިކުންފުނީގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެނޫން ވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަންކިއުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ މި ޕޮރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހް" ކަމަށެވެ.

މި ޕްރޮގްރާމަކީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބު ކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފް ކަމަށްވާއިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރިކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެންމެ މާތް މަހުލޫގުންނަކީ، އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއް ވެސް ވަނީ އިންސާނުންނާ ގުޅިފައި ކަމަށާއި، އެހެން ކަމުން އެ ދިރުންތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެންމެން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ސްޓެލްކޯ އިންޖީނުގެތައް ސާފުކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަދި ދުވާލުގެ މަސައްކަތުން 8 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތްކުރުން ކަމަށެވެ.

މިޕްރޮގާމްގެ ދަށުން ކުރެވޭ މިފަދަ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެންދާނެ ކަމެއްގެ ގޮތުގައި ނުބާއްވާ، ހުއްޓާނުލާ ކުރިއަށްގެންދާ މަސައްކަތަކަށް ހެދުމަށް ވަނީ ނިންމާފައި. އަދި ކުނި އުކާލުމާއި ނައްތާލުމަށް ހާއްސަ ނިޒާމެއް ގާއިމުކުރެވި އެ ނިޒާމްގެ ތެރެއިން ކުނި އިތުރުވިޔަ ނުދިނުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 އިންޖީނުގޭގައި އެއްފަހަރާ ކުރިއަށް ގެންގޮސްފަ އެވެ.