ބީއެމްއެލްގެ ބޭންކިން އެޕްގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް ހިމަނައި ކޮންޓެކްޓްލެސް ޕޭމަންޓާއި ވޮލެޓް- ޓު- ވޮލެޓް ޓްރާންސްފާގެ ހިދުމަތް ލިބޭ ގޮތް ހަދައިފި އެވެ.

މި ހިދުމަތުގައި ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް

• އަވަހަށް ރައްކާތެރިކަމާ އެކު ޕޭމަންޓް ފުރިހަމަ ކުރުމަށް "ސްކޭން ޓު ޕޭ" ބޭނުންކުރެވޭނެ

• އެކައުންޓް ނަންބަރު ބޭނުން ނުކޮށް ހަމައެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ

"ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މޯބައިލް ބޭންކިން އެޕަށް އާ ބަދަލުތަކަކާއި އިތުރު ފީޗާތަކެއް މިދިޔަ އަހަރު ގެނެވުނު. މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާ އެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ،" ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާއާ ހަވާލާދީ ބޭންކުގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

ބީއެމްއެލް އެޕުން ސްކޭން-ޓު- ޕޭ ބޭނުންކޮށްގެން ފައިސާ ދައްކަނީ. ފޮޓޯ: ބީއެމްއެލް

ފައިސާ ދެއްކުމަށް "ސްކޭން ޓު ޕޭ" މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް ލިބޭ ފޯނެއް މެދުވެރިކޮށް "ޓެޕް ޓު ޕޭ" ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާޗަންޓަކަށް ވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބަދަލުތަކާ އެކު މޮބައިލް ބޭންކިން އެޕަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް ކަމަށާއި މުޅި ދުނިޔޭގައި ވެސް މޮބައިލް ބޭންކިން މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް ކަމަށް ޓިމް ސޯޔާ ވިދާޅުވި އެވެ.

އެޕްގައި ހިމެނި ހިދުމަތްތައް:

• ސްކޭން ޓު ޕޭ: ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނުވަތަ މަޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކާ ބޭނުންކޮށްގެން ކާޑާ ނުލައި ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ.

• ޓެޕް ޓު ޕޭ: ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާ ނުލައި ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ.

• މޯބައިލް ކީ- އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، 'މޯބައިލް ކީ-އިން' ނަގައި ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ.

ބޭންކުން ބުނީ މި ހިދުމަތްތައް ބޭންކުގެ އެޕް މެދުވެރިކޮށް ދެވުމަކީ ލިބޭ އުފަލެއް ކަމަށާއި އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިން ހިދުމަތެއް ދިނުން ކަމަށެވެ.