އަންނަ މަސްވެރިކަމުގެ މޫސުން ފެށެންވާ އިރަށް ގއ. ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވާ ދުވަސްވަރު މަސް ނުކިރުވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތެއްގައި ކުރެވޭ ކަންކަމާއެކު މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އެންމެ ގިނަ އަދަދަކަށް މަސް ކިރަނީ ރާއްޖޭގެ ދެކުނު ސަރަހައްދަށް ކަމަށާއި، ހާއްސަކޮށް ކޫއްޑޫއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުގެ ތަފާސް ހިސާބުތަކާއި ހަވާލާދެއްވާ މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އެންމެ ރަނގަޅު މަސްވެރިކަމު މޫސުން ފެށޭނީ އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހު ހިސާބުގައި ކަމަށެވެ. އަދި އޮކްޓޯބަރު މަހާއި އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވާނެ ކަމަށް ވެސް ތަފާސް ހިސާބުތަކަށް ރިއާޔަތްކުރައްވައި ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ތިން މަސް ދުވަހުގެ ތެރޭގައި ކޫއްޑޫގެ ގާބިލްކަން އިތުރުކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުން ކަމަށެވެ. އަދި އެކަމަށް ދެ ބޯޓު ނުވަތަ ތިން ބޯޓު ބޭނުންވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ރައީސް އޮފިހާ ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ގާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން،" ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މަސްވެރިކަން ރަނގަޅުވެ ކޫއްޑޫ ބަނދަރުގައި 63 ދޯންޏެއް 900 ޓަނު މަހާ އެކު ކިއޫ ހެދި ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ. އެކަމަކު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީ އަކީ 480 ޓަނު ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރައި ނިންމަން ދުވަސްތަކެއް ނަގާނެ ކަމަށް ބުންޏެވެ.