މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފި އެވެ.

މާލޭގެ ބައެއް ފިހާރަތަކުން ކުނިވެފައި ހުންނަ ބިސް ވިއްކާކަމުގެ ޝަކުވާ މީގެ ކުރިން ވެސް އާއްމުން ކުރެ އެވެ. ނަމަވެސް ބަޔާނެއް ނެރުން ފިޔަވައި އިތުރު ފިޔަވަޅެއް އެފަދަ ފަރާތަކާ މެދު އެޅި ކަމެއް ނޭނގެ އެވެ.

އެ އޮތޯރިޓީން ބުނީ މިކަމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން ތިން މަހުގެ މުއްދަތަކަށް ކަމަށާއި ފިނިނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އަދި މުއްދަތު ހަމަވާ ތާރީޚު ހަމަވުމުން ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޚު އެނގޭ ގޮތަށް ބިސް ވިއްކުމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ބިސް ގަންނަ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.