އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތައް ވެސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ސަބަބުން، ކެފޭ އަދި ރެސްޓޯރެންޓުތަކުގެ ވިޔަފާރިއަށް އަސަރުކުރާ ކަމަށާއި އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭ ކަމަށް ބުނެ ކެފޭ ތަކާއި ރެސްޓޯރެންޓު ހިންގާ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ" ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ކެފޭ، ހޮޓާ، ރެސްޓޯރަންޓަކީ ކުދި ވިޔަފާރީގެ ތެރޭގައި ހިމެނޭ ތަންކޮޅެއް ބޮޑު ވިޔަފާރިތަކެއް ކަމަށާ ބޮޑު ކުލީގައި ހަރަދުކޮށް ސަރުކާރަށް ޓެކްސް ދައްކައި މުވައްޒަފުންނަށް މުސާރަދީގެން މަސައްކަތް ކުރާއިރު ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ހަރަދުކުރަން ނުޖެހޭތީ ކެފޭ ހިންގާ މީހުންގެ ނުތަނަވަސްކަމެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒް އަށް ވެސް ޖާގަ ދީގެން އެކަމު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ. އަޅުގަނޑަކަށް މައްސަލައެއް ނެތް އެބޭފުޅުން ގޭގެ ބަދިގޭގައި އެބޭފުޅުންނަށް ޖާގަ ލިބޭތީ އެކަން ކުރެއްވުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ގޭގައި ވިޔަފާރިކުރަން ފެށުމުން ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނަށް ގޮންޖެހުމަކަށްވާ ކަމަށެވެ. އަދި ޓެކްސް ދައްކައިގެން ވިޔަފާރިކުރާ އިރު އެފަދަ މައްސަލަތައް ދިމާވުމުން ވިޔަފާރިވެރިން ޝަކުވާ ކުރަކަން ފައްޔާޒް ވަނީ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ތަނެއް ހުޅުވައިގެން ވިޔަފާރިކުރުމަކީ އަމިއްލަ ނިންމުމެއް ކަމަށް ވާއިރު، ތަނަށް ކުލި ދައްކަން ޖެހުމުން ޝަކުވާކުރުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން އަަބަދުވެސް އިސްކަން ދޭނެ ކަން ފާހަގަކުރައްވާފަ އެވެ. އަދި ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކުގެ މަސްލަހަތަށް ވެސް ވިސްނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.