ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ރިސޯޓުތަކުގެ ކުލި ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް މީރާއިން މިއަދު ބުނެފި އެވެ.

ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވީ، ކޮވިޑްގެ ކުރީގެ ހާލަތަށް ބަލާއިރު ރިސޯޓުތަކުގެ ކުލި ކުޑަކުރުމުން ބޮޑު އާމްދަނީއެއް ގެއްލޭ ކަމަށެވެ.

ދައުލަތަށް ރިސޯޓު ކުލީގެ ގޮތުގައި އެވްރެޖްކޮށް އަހަރަކު 1.6 ބިލިއަން ރުފިޔާ ލިބެ އެވެ. އެހެންވެ ރިސޯޓު ކުލި ކުޑަކުރުމުން ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓުގެ ދަށްވާނެ ކަމަށް މީރާއިން ލަފާކުރެ އެވެ.

"ސަރުކާރުން މި ހުށަހެޅި އިރު މިބަލަނީ އިތުރު އާމްދަނީ ލިބޭނެ ކަންކަން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން، މީރާ، އެމްއެމްއޭ، އަދި މަޓީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރަނީ. ފޮޓޯ: މަޖްލިސް

ރިސޯޓު ކުލި ކުޑަވި ނަމަވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން ނަގާ ޖީއެސްޓީންނެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން ހިނގައިގަނެ ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިހާރަށް ވުރެ ފުޅާކުރަން ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

ރިސޯޓުތަކުގެ ކުލިން ބޮޑު އަދަދެއް މަދުވެގެންދާ އިރު މިއީ މިހާލަތުގައި އަޅަން އެހާ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކޮމިޓީގައި މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައާ އެކު ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. އެހާލަތުގައި އާމްދަނީ ދަށްވާނެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭ ގޮތުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ، ރިސޯޓު ކުލި ކުޑަކުރަން ތާއީދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން، މީރާ، އެމްއެމްއޭ، އަދި މަޓީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރަނީ. ފޮޓޯ: މަޖްލިސް

ނަޒީރު ވިދާޅުވީ، މި ބިލްގައިވާ ގޮތުން މިއީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓުތަކަށް ލުއި ގޮތްތަކެއް ފަހިކުރަން ގެނައި ބަދަލެއް ނަމަވެސް މިކަމުގެ ފައިދާ ތިން އަތޮޅެއްގެ ރިސޯޓުތަކަށް ނުލިބޭ ކަމަށެވެ.

ހއ، ހދ، ށ އަދި ގއ، ޏ އަތޮޅުގެ ރެންޓަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތް. އެހެންމަ އަޅުގަނޑުމެން އެކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

ނަޒީރު އެހެން ވިދާޅުވިއިރު ޏ. އަތޮޅުގައި ރިސޯޓެއް ނޯވެ އެވެ. އަދި ހއ. ގައި ދެ ރިސޯޓު ހިންގާއިރު ހދ. ދެ ރިސޯޓު އަދި ށ. އަތޮޅުގައި އޮތީ ވެސް ދެ ރިސޯޓެވެ.

ނަޒީރު ވިދާޅުވީ، ހަމައެކަނި ކުލި ކުޑަކޮށްގެން ހުއްޓިފައިވާ ރިސޯޓުތައް ހިންގަން އޮތް ހަމައެކަނި ހައްލެއް ނޫން ކަމަށެވެ.

ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަގްސަދަކީ މިނިމަމް ވޭޖްގެ ސަބަބުން ލިބުނު ގެއްލުމަށް ލުޔެއް ދިނުން ކަމުގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.

އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލް މިނިމަމް ވޭޖާ ގުޅުވާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ބިލު އެކުލަވައިލި ސަބަބަކީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ލޭންޑް ރޭޓުގެ ތަފާތުތަކެއް އެކި ސަރަހައްދުތަކަށް ގެނައުމަށް ކަމަށާއި ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކަށް ރިސޯޓްތަކުގެ ޕާޓްނާޝިޕެއް ގޮތުގައި އޮތުމުން މާލީ އިދާރާތަކުން ދަތިތަކެއް ކުރިމަތިވާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.