އުރީދޫން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލް ގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.

މި ހަފްލާ އިފްތިތާހުކޮށްދެއްވީ ޔޫތް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފު އެވެ.

މި ހަފްލާގައި ވޯލްޑް ކަޕް 2022 ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރު ޖެއްސެވި ކިކާއެކު އުރީދޫގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތަށް ރަސްމީގޮތުން ފެށިގެން ދިޔަ އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން މިއަދު ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި ލޯންޗްކުރީ ހާޑް ރޮކް ހޮޓެލް އާއެކު ކުޅެވުޅު އެކުވެރިކަމުގެ ފުޓްސަލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް ކަމަށެވެ. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން،" ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކާއެކު މި އިވެންޓް އިތުރަށް ފޯރިގަދަވެގެން ދިޔަ އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވަނީ ވާލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފަ އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ–21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 ގަ އެވެ.