އެމްޕީއެލްގެ މަސައްކަތް އަވަސްކުރުމަށް އޮރަކަލް ކުންފުނީގެ އެންޓަޕްރައިސަސް ރިސޯސަސް މެނޭޖްމަންޓް ސިސްޓަމް (އީއާރުޕީ) ސޮފްޓްވެއާ ބޭނުންކުރަން ފަށައިިފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްޕީއެލް އިން އޮރަކަލްގެ ފިއުޝަން ކްލައުޑް އީއާރުޕީ ސޮފްޓްވެއާ ލޯންޗްކުރީ އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކެމްޕެއިންގެ ދަށުން ބަނދަރުތައް ޑިޖިޓަލްކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. މިއީ މި މަސައްކަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އީއާރުޕީ ސިސްޓަމަށް ދާން އެ ކުންފުނިން ނިންމީ 2019 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ސަބަބުން އެމްޕީއެލްގެ މަސައްކަތް އަވަސްވެ، މަސައްކަތް ހަރުދަނާކުރަން ޖެހޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އީއާރުޕީ ސޮފްޓްވެއާއަކީ މި މަސައްކަތަށް ފަހިވި ދޮރެއް ކަމަށެވެ. އަދި އެމްޕީއެލްގެ އެތެރޭގެ މަސައްކަތް ކުރުން ފަސޭހަވެ، އަވަސްވެގެން ދިއުމުން އެމްޕީއެލްއިން ޙިދުމަތް ފޯރުކޮށްދޭ ކަސްޓަމަރުންނާއި، މުވައްސަސާތަކާއި، ޝިޕިން ލައިންތަކާއި، ކޮންސައިނިންނަށް އެ ކުންފުނިންދޭ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ވަކިވަކި ސޮފްޓްވެއަރތަކުން ކުރި މަސައްކަތް މިހާރު އެއް ޕްލެޓްފޯމްއަކަށް އިންޓަގްރޭޓްވެގެންދިޔައީމަ އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެ އަޅުގަނޑުމެންގެ މުވައްޒަފުންގެ މަސައްކަތް ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ. އަޅުގަނޑުމެންނަށް މައުލޫމާތު ކުރީބައިގައި އެނގިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން މި ސިސްޓަމްގެ ސަބަބުން އެމްޕީއެލްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.

"ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުންފުނި މޮނިޓަރ ކުރައްވާ ފަރާތްތަކާއި، އަޅުގަނޑުމެންގެ ކުންފުނި އޮޑިޓްކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ. ކުންފުނީގެ މާލީ މުއާމަލާތްތަކާއި ހުރިހައި މުއާމަލާތްތަކެއްގެ ރެކޯޑްތައް ރައްކާތެރިކަމާއިއެކު ގިނަދުވަހު ރައްކާކޮށްފައި ހުންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުންފުނީގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

ޑިޖިޓަލް ޓްރާންސްފޯރމޭޝަން ކެންޕެއިނަކީ ޕޯޓުގެ މަސައްކަތްތައް އަވަސްކޮށް ކުންފުނިން ޙިދުމަތްހޯދާ ހުރިހާ ފަރާތަކަށް ފަސޭހަގޮތްތަކެއް ހޯދައިދީ މިހާރަށްވުރެ ހަރުދަނާ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ފެށި ކެންޕެއިނެކެވެ.

އީއާރުޕީ ސޮފްޓްވެއާގެ އެހީގައި ހުރިހާ ޑިޕާޓްމަންޓްތަކާއި އޮޕަރޭޝަންސްތައް ވަނީ ގުޅުލާމެހިފަ އެވެ.