ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށް ކުރާ 15 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ލިޔުމުން ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބެއްގަ އެވެ.

މިހާތަނަށް އެފަދަ 57 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ދިރާސާކޮށް 15 މައްސަލައެއް ފުލުހަށް ފޮނުވާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"...ގަވައިދާ ހިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި ލިބިފައިވާ ޝަކުވާގެ މައްޗަށް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޓެކްސީ ސެންޓަރުތަކަށް ވަނީ އަންގާފައި،" ނަހުލާ ވިދާޅުވެފައިވެ އެވެ.

ޓެކްސީ ހިދުމަތް ދޭ އޮންލައިން އެޕް މެދުވެރިކޮށް އަގު ބޮޑުކޮށް ދަތުރު ކޮށްފައިވާތީ މިނިސްޓްރީން އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި ފަސިންޖަރުން ދާން ބޭނުންވާ މަންޒިލު ދަތުރުކުރުމުގެ ކުރިން ޓެކްސީ ޑްރައިވަރަށް ނޭނގޭނެ ގޮތަކަށް އެޕްގެ ޑިޒައިން ބަދަލުކުރުމަށް ވެސް އެ ހިދުމަތް ދޭ ފަރާތަށް އަންގާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބުގައި ޓެކްސީ ހިދުމަތާ ގުޅޭ އިތުރު ބައެއް މައުލޫމާތުވެސް ހިއްސާކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވީ އަގުބޮޑުކޮށް ދަތުރުކުރި މައްސަލަތައް ބެލުމުގެ އިތުރަށް ޓެކްސީ އެޕްލިކޭޝަންތައް ޑައުންކުރާ މައްސަލަ ޝަކުވާގެ ގޮތުގައި ލިބޭތީ އެކަން ނުކުރަން އަންގާފައިވާނެ ކަމަށެވެ. އަދި އެފަދަ އެޕްލިކޭޝަންތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނަށް ފެންނަން ހުންނަންޖެހޭ މައުލޫމާތު އެގޮތަށް އަޕްޑޭޓް ކޮށްދިނުމަށް އަންގާފައިވާނެ ކަމަށެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކާއި ބައެއް ޑްރައިވަރުން ހުށަހެޅުމުން ސަރުކާރުން އެގޮތަށް ހުއްދަ ދީފައި ނުވި ނަމަވެސް ބައެއް ޑްރައިވަރުން މިހާރު ދަތުރުކުރަމުން ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގަ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީތައް ދަތުރުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.

ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ވެސް ބައެއް ޑްރައިވަރުން ނަގަމުންދެ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.

ދާދި ފަހުން ޕެޓްރޯލްގެ އަގު ބޮޑުވުމާ ގުޅިގެން ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ގޮވާލައި ޓެކްސީ ޑްރައިވަރުން ވަނީ މުޒާހަރާކޮށްފަ އެވެ.