ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދުކޮށް، ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރީ ފައިސާ ނެތިގެން ކަމަށް އެ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހުނީ އޭނާގެ ކުންފުނިތަކަށް މަސައްކަތެއް ނެތި އާމްދަނީ ލިބެން ހުރި ހުރިހާ ކަމެއް "ޒީރޯ"އަށް ދިއުމުން ފައިސާ ނެތުމުން ކަމަށެވެ. އަދި 1،000 ރުފިޔާ ދީގެން ވެސް މުވައްޒަފުން ގެންގުޅުނު ކަމަށާއި އެއްވެސް މުވައްޒަފަކު ވަކިކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭނާގެ ވިޔަފާރިތަކަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށެވެ. އެގޮތުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެކައުންޓުތައް ފްރީޒުކޮށްފައި ބެހެއްޓުމާއި އިމްޕޯޓް ލައިސެންސް ދޫނުކުރުމުގެ ސަބަބުން ރަށްރަށަށް މުދާ ފޯރުކޮށްނުދެވި ލިބުނު ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެއްވެސް ލާރިއެއް ފޮރުވާފައި ނުހުންނާނެކަން ބޭންކުތަކަށް ވެސް އެނގޭނެ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން އެންމެ ބޮޑު ލޯނެއް ނަގާފައި ހުރި މީހަކަށް ވެސް ހުންނާނީ އޭނާ ކަމަށާއި އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 1.6 މިލިއަން ޑޮލަރުގެ ލޯނެއް އެޕްރޫވް ކޮށްފައިވީ ނަމަވެސް އަދިވެސް ރަޖިސްޓަނުވާ ކަމަށާއި، އެންމެ ފަހުން ލޯނެއް ދޭން ނިންމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ކުރީ ބައިގައި ބުނިން މުވައްޒަފުން ކައިރީގައި އަޅުގަނޑުމެންނަށް ވާނީ މިހެންނޭ، އެހެންނޭ. ވަކިކުރާ ބޭފުޅަކު ވަކިކުރާށޭ. އަޅުގަނޑުމެން މީހަކު ނުކަޑަން އިނގޭތޯ. އަދި މިއަދު ވެސް ދެމުން ދަނީ އެކަމަކު އަޅުގަނޑުމެންނަށް މަސައްކަތެއް ނެތި އާމްދަނީ ލިބެންހުރި ހުރިހާ ކަންކަމެއް ޒީރޯއަށް ދިޔައިމަ ދެން އަޅުގަނޑުމެން އަތުގައި ލާރިނެތީމަ އަޅުގަނޑުމެން ކޮންތާކުންތޯ ހޯދާނީ،" ގާސިމް ވިދާޅުވި އެވެ. "ބޭންކުތަކަށް ގޮސް ސަލާން ޖެހިން، އަމިއްލަ ފަރާތްތަކުގައި ސަލާން ޖެހިން އަޅުގަނޑުމެންނަށް ލާރިއެއް ދޭތޯ."

ރާއްޖޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ ވިޔަފާރިވެރިޔާ ވިދާޅުވީ އޭނާގެ ވިޔަފާރީގެ އެސެޓް ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މި ކަހަލަ ދަނޑިވަޅެއްގައި އެސެޓް ގަންނާނެ ފަރާތެއް ހުރިތޯ ގާސިމް ސުވާލުކުރެއްވި އެވެ. އަދި ވިދާޅުވީ، މުދާ ހުރި ނަމަވެސް ލިކުއިޑިޓީއަށް ހެދޭނީ ގަންނާނެ މީހަކު ވެސް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޤާސިމް އެހެން ވިދާޅުވިއިރު އޭނާގެ މިލްކިއްޔާތުގައި ނުވަ ބިމެއް އޮވެއެވެ.

ގާސިމް ވިދާޅުވީ ކޮވިޑުގެ މި ހާލަތު އައިއިރު މުސާރަތަކާއި ޕޭ ބިލް އާއި އިނާޔަތްތައް މަހަކު 3.2 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އެއީ ފޫބެއްދޭ ވަރުގެ ޚަރަދެއް ނޫން ކަމަށާއި މިހާރުގެ ޙާލަތާއި އެ ހުރިހާ ކަމެއް މުވައްޒަފުންނަށް ވެސް އޮޅުވާލުމެއް ނެތި އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.