ކުއަލަ ލަމްޕޫރް (25 މެއި) - ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ޕާމް އޮއިލް ނުވަތަ ކައްކާ ތެޔޮ އުފައްދާ މެލޭޝިއާއިން ކައްކާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓާނުލާނެ ކަމަށް ބުނެފި އެވެ.

އެ ގައުމުގެ ޕްލާންޓޭޝަން އިންޑަސްޓްރީސް އެންޑް ކޮމޯޑިޓީސް މިނިސްޓަރު ޒުރައިދާ ކަމަރުއްދީން ވިދާޅުވީ މެލޭޝިއާގެ އެތެރޭގެ ޑިމާންޑަށް ފުދޭ ވަރަށް ކައްކާތެޔޮ އުފެއްދޭ ކަމަށާއި އެއަށްވުރެ އިތުރު ވެސް ވާ ކަމަށެވެ.

"މިވަގުތު އެއްވެސް ކަހަލަ ޝޯޓޭޖެއް ނެތް. އެހެންވީމަ ކަންބޮޑުވާން ޖެހޭ ކަމެއް ވެސް ނެތް،" ޒުރައިދާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މެލޭޝިއާއިން އުފައްދާ ކައްކާ ތެލުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އެކްސްޕޯޓްކުރާ ކަމަށާއި އެވަރުން ވެސް އެގައުމުގެ އެތެރޭގެ ޑިމާންޑަށް ފޯރުކޮށްދިނުމަށްފަހު ގިނަ ވެސް ވާ ކަމަށެވެ.

މެލޭޝިއާއިން ލަފާކުރާ ގޮތުގައި މިއަހަރު އެގައުމުން އުފައްދާ ކައްކާ ތެލުގެ މިންވަރު 25 މިލިއަން ޓަނަށް އަރާނެ އެވެ. މިއީ މިދިޔަ އަހަރުގެ 18.1 މިލިއަން ޓަނާ އަޅާ ބަލާއިރު އިތުރު ވުމެކެވެ.

މެލޭޝިއާއިން ކައްކާ ތެޔޮ އެކްސްޕޯޓު ކުރުން ކުރިއަށް ގެންދާނެ ކަމަށް ނިންމާފައި މިވަނީ ގިނަ ގައުމުތަކަކުން ކާބޯތަކެތި އެކްސްޕޯޓު ކުރުން މަދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިންޑިއާއިން ގޮދަން އެކްސްޕޯޓު ކުރުން ހުއްޓާލާފައިވާއިރު އިންޑޮނޭޝިއާއިން ވަނީ ކައްކާތެޔޮ އެކްސްޕޯޓް ކުރުން ހުއްޓާލާފަ އެވެ.

އެގައުމުން އަމާޒު ހިފާފައިވަނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާކެޓަށް ކުރިމަތި ވެދާނެ ޝޯޓޭޖެއް ފޫ ބެއްދުން ކަމަށް ޒުރައިދާ ވިދާޅުވި އެވެ.

ކައްކާ ތެޔޮ އެކްސްޕޯޓު ކުރުން ކުރިއަށް ދިޔަ ނަމަވެސް މެލޭޝިއާއިން ވަނީ ދާދި ފަހުން ކޮށި ކުކުޅު އެކްސްޕޯޓް ކުރުން ހުއްޓާލާފަ އެވެ.

އެއީ ކުކުޅު އާލާކުރުމުގެ ޕްރޮގްރާމް ހަމައަކަށް އެޅެންދެން އެކުލަވާލި ވަގުތީ ގަވާއިދެއް ކަމަށް މެލޭޝިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް