އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން އިއްޔެ އިންޒާރު ދީފި އެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި ދިރާސާއެއްގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުުން، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ނަގާފައިވާ ގައުމުތަކުގެ 10 އިންސައްތަ ގައުމަށް މި އަހަރު ތެރޭގައި ދަރަނި ދެއްކުމަށް މައްސަލަތައް ކުރިމަތިވާނެ އެވެ.

މި ރިޕޯޓުގައި އަލިއަޅުވާލާފައިވާ 52 ގައުމަށްވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެތެރެއިން 8 ގައުމެއްގެ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ގައުމުތަކުގެ ލިސްޓުގައި 1 ވަނައަށް އަވަށްޓެރި ސްރީ ލަންކާ އޮތް އިރު ދެވަނަ އަށް އޮތީ ދިވެހިރާއްޖެ އެވެ. ސްރީލަންކާ މިހާރުވަނީ ބޭރު ގައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އިއުލާންކޮށްފައެވެ. ދެން އެ ލިސްޓުގައި ހުރި ގައުމުތަކަކީ، ބަހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނޭޑާ އަދި އިތިއޯޕިއާ އެވެ. މި ގައުމުތަކަށް މި މައްސަލަތައް ކުރިމަތިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ލިބޭ އާމްދަނީއަށްވުރެ ސަރުކާރުން ކުރާ ހަރަދު ބޮޑުވުމާއި، ބޭރު ފައިސާ ވަންނަވަރު މަދުވުމާއި، ދަރަންޏަށް ފައިސާ ހޯދުމުގެ އަގު ބޮޑުވުން ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %122 އެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާ އެވެ. ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމުނު އިރު ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެ 91.4 ބިލިއަނަށް ވަނީ އަރާފަ އެވެ. އަދި ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާނެ ކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.