އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން އިއްޔެ އިންޒާރުދިން ނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ބައެއް ނޫސްވެރިންނާ ބައްދަލުކުރައްވައި އަމީރު ވިދާޅުވީ، އެއީ އެ ބޭންކްގެ ރަސްމީ ސްޓޭންޑެއް ނޫން ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި ދިރާސާއެއްގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުުން، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ނަގާފައިވާ ގައުމުތަކުގެ 10 އިންސައްތަ ގައުމަށް މި އަހަރު ތެރޭގައި ދަރަނި ދެއްކުމަށް މައްސަލަތައް ކުރިމަތިވާނެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، މިދިޔަ އަހަރު ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން: ދައުލަތުގެ ދަރަނީގެ ތެރެއިން 192 މިލިއަން ޑޮލަރު މިދިޔަ އަހަރު ވަނީ ދައްކާފައި ކަމަށް ވިދާޅުވި އެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިތިއޯޕިއާ ފަދަ ބަގުރޫޓުވެދާނެ ކަމަށް ޖޭޕީމޯގަން އިން ފާހަގަކޮށްފައިވާ ބައެއް ގައުމުތަކާއި ރާއްޖޭގެ އިގްތިސާދާ އަޅާ ނުކިޔޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި، މީޑިއަމް ޓާމްގައި އެންމެ ބޮޑު ދަރަންޏެއް ދައްކަން މި ޖެހެނީ 2026ވަނަ އަހަރު އެއީ މިހާރު އަޅުގަނޑުމެން ނަގާފައި ހުރި ދަރަނިތަކަށް ބަލާއިރު. އެހެންވީމަ މީޑިއަމް ޓާމްގައި ރާއްޖޭގެ ދަރަނި ސާވިސް ނުކުރެވޭނެ ކަމުގެ އެއްވެސް ރިސްކެއް ނެތް،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %122 އެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާ އެވެ. ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމުނު އިރު ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެ 91.4 ބިލިއަނަށް ވަނީ އަރާފަ އެވެ. އަދި ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާނެ ކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.