ނޭނގުމެއްގެ ތެރެއަށް ރާއްޖޭގެ އިގްތިސޯދު ވެއްޓޭ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދާ މެދު ހާސްކަން އުފައްދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވަކިން ޚާއްސަ ގޮތެއްގައި ދަރަނި ދެއްކުމުގައި މި އަހަރާއި ކުރިއަށް އޮތް 2023 ވަނަ އަހަރާއި އަދި 2024 ވަނަ އަހަރު ވެސް އެއްވެސް ދަތިކަމެއް ނެތި ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އިގްތިޞާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިއަށްދާނީ ޚަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން. އަދި އިގްތިޞާދަށް އަންނަ ކުރިއެރުމާ ވެސް އެކުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިގްތިޞާދަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައް ތަނެއް މައްޗަށް ދިއުމާ އަދި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ހޭދައެއް ތެޔޮ ގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން އިއްޔެ ވަނީ އިންޒާރު ދީފަ އެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި ދިރާސާއެއްގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ނަގާފައިވާ ގައުމުތަކުގެ 10 އިންސައްތަ ގައުމަށް މި އަހަރު ތެރޭގައި ދަރަނި ދެއްކުމަށް މައްސަލަތައް ކުރިމަތިވާނެ އެވެ.

މި ރިޕޯޓުގައި އަލިއަޅުވާލާފައިވާ 52 ގައުމަށް ވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެ ތެރެއިން 8 ގައުމެއްގެ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ގައުމުތަކުގެ ލިސްޓުގައި 1 ވަނައަށް އަވަށްޓެރި ސްރީ ލަންކާ އޮތް އިރު ދެވަނަ އަށް އޮތީ ދިވެހިރާއްޖެ އެވެ. ސްރީލަންކާ މިހާރު ވަނީ ބޭރު ގައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އިއުލާންކޮށްފަ އެވެ. ދެން އެ ލިސްޓުގައި ހުރި ގައުމުތަކަކީ، ބަހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނޭޑާ އަދި އިތިއޯޕިއާ އެވެ. މި ގައުމުތަކަށް މި މައްސަލަތައް ކުރިމަތިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ލިބޭ އާމްދަނީއަށް ވުރެ ސަރުކާރުން ކުރާ ހަރަދު ބޮޑުވުމާއި، ބޭރު ފައިސާ ވަންނަވަރު މަދުވުމާއި، ދަރަންޏަށް ފައިސާ ހޯދުމުގެ އަގު ބޮޑުވުން ހިމެނެ އެވެ.