މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ތާރީހުގައި މިއަހަރަކީ އެންމެ ގިނަ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުތައް ހިންގާ އަހަރު ކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 ރަށެއްގެ މަސައްކަތް ނިމިގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ 27 އަހަރު ފާހަގަ ކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އިތުރަށް ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ އެންމެ މުހިއްމު މަސައްކަތަކީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް, އަޅުނޑުމެންނަކީ ވަރަށް ފަހުރުވެރިކަމާއިއެކު ރާއްޖޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ޤާއިމްކޮށް، ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ. މިސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، މިކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ 31 ރަށުގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށްވެސް ޝާހު ވިދާޅުވި އެވެ މިއަހަރު ނިމުމުގެ ކުރިން ވިހި ރަށެއްގެ މަސައްކަތްވެސް ނިމިގެންދާނެކަން ޝާހު ފާހަގަ ކުރެއްވި އެވެ.

"އެމްޑަބްލިޔުއެސްސީގެ ހަޔާތުގައިވެސް މިއަހަރަކީ އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު. މިދިޔަ އަހަރު ފެށި މަޝްރޫއުތަކާ އެކު ޖުމުލަ 31 މަޝްރޫއު އެބަ ކުރިއަށްދޭ. މީގެ ތެރެއިން ޖުމުލަ ހަތަރު މަޝްރޫއު މިހާރު ވަނީ ނިންމާލެވިފައި" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުރްނ ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީ އުފެއްދީ ހަމައެކަނި ގްރޭޓާ މާލޭއަށް ހިދުމަތްދޭ އުފެއްދި ކުންފުންޏެއް ނަމަވެސް، މިހާރު އެމްޑަބްލިޔުއެސްސީއިން އަންނަނީ ރާއްޖޭގައި އެކި ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

"ކުންފުންޏަށް ލިބޭ ހުރިހާ ކުރިއެރުމެއްގެ ހަގީގީ ސިއްރަކީ ކުންފުނީގެ މުވައްޒަފުން ކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ފެނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން މިކުންފުނީގެ ފެނުގެ ސްޓްރޯޖް އިތުރުކުރުމަށް ބޭނުންވާ 13 ހާސް ކިއުބިކް މީޓަރުގެ ބޮޑު ދެ ތަނގީ ބެހެއްޓުމަށް ބިން ހަމަޖައްސަވައި ދެއްވާފައިވާތީ އެކަން ފާހަގަކޮށް ސަރުކާރަށް އެމްޑީ ޝާހު ވަރަށް ހާއްސަ ޝުކުރެއް ދެންނެވި އެވެ.