މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 665 މިލިއަން ރުފިޔާ ހޯދަން ދައުވާކުރަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް ޓެކްސް އިދާރާ މީރާއިން ބުނެފި އެވެ.

މީރާގެ އިސް އޮފިޝަލަކު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ގާނޫނުގައި އޮންނަ ގޮތުން ކުލި ނުދައްކާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނީ ދައުލަތުގެ ބަންޑާރަ ނައިބު ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ އެ ފައިސާ ޖަމާނުކުރާ ނަމަ އެކަން އާއްމުކުރުން. މިހާރު އާއްމުކޮށްފައިވާނީ ހިނގަމުންދާ ރިސޯޓުތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގާ ރިސޯޓުތައް،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ކުރިން ކުލި ނުދައްކާ ހިންގާ ރިސޯޓުތަކާ ދެކޮޅަށް މީރާ އިން ދައުވާ ކުރި ކަމަށެވެ.

މީރާއިން ދާދިފަހުން ވަނީ ކުލި ނުދައްކާ 12 ރިސޯޓަކާއި ދަނޑުވެރި ކަމަށް ދޫކޮށް، ކުލި ނުދައްކާ އޮތް ހަތަރު ރަށެއްގެ ވެރިފަރާތުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެ ނަންތައް އާންމުކޮށްފައި ވަނީ މީރާގެ ޓީވީގަ އެވެ. އަދި އެ ލިސްޓް ފަހުން ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މިދިޔަ މާޗް މަހު މީރާއިން އާންމުކުރި "ނޭމް އެންޑް ޝޭމް" އުސޫލުގައިވާ ގޮތުން މި ލިސްޓުގައި ހިމަނަނީ ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ޓެކްސް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ ފަރާތްތަކެވެ. އިއްޔެ އާންމުކުރި ހުރިހާ ރިސޯޓަކީ ވެސް ބިމު ކުލީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުން ބިމު ކުލި ދައްކަން ޖެހޭ ރިސޯޓުތަކެވެ.

މީރާއިން އާންމުކުރި ރިސޯޓުތައް:

1. ހޮނޑާފުށި: (ތްރީއޭ ޓްރޭޑިން ކޮމްޕެނީ)

2. ފިލިތެޔޮ އައިލެންޑް ރިސޯޓު- ތްރީއޭ ޓްރޭޑިން ކޮމްޕެނީ

3. ކިހާ މޯލްޑިވްސް- އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް

4. ބްރެއިނާ ކޮއްޓަފަރު- އޭބީއެން ޕްރައިވެޓް ލިމިޓެޑް

5. ރަހާ ރިސޯޓު- ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6. ޖޭޑަބްލިއު މެރިއޮޓް ރިސޯޓު- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް

7. މެދުފުށި އައިލެންޑް ރިސޯޓް- މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

8. އެރިޔަދޫ އައިލެންޑް ރިސޯޓު- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް

9. ސައުތު ޕާމް ރިސޯޓު- ސައުތު ޕާމް މޯލްޑިވްސް

10. ކޮކޯ ޕާމް ދުނިކޮޅު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޑް ލިމިޓެޑް

11. މަކުނުދޫ އައިލެންޑް ރިސޯޓު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް

12. ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް- ތެލުވެލިގާ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް

މީރާއިން އާންމުކުރި ނަންތަކުގެ ތެރޭގައި ޖޭޑަބްލިއު މެރިއޮޓް ރިސޯޓާއި، ބްރެނިއާ ކޮއްޓަފަރު، ކޮކޯ ޕާމް ދުނިކޮޅު، ކިހާ މޯލްޑިވްސް، މަކުނުދޫ އައިލެންޑް ރިސޯޓާއި ޑްރިފް ތެލުވެލިގާ ރިޓްރީޓާއި ފިލިތެޔޮ ރިސޯޓާއި މެދުފުށި ރިސޯޓާއި ހޮނޑާފުއްޓާއި ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓު ހިމެނެ އެވެ.

މީގެ ތެރެއިން ފިލިތެޔޮ އާއި ހޮޑާފުއްޓަކީ ތްރީއޭ ކުންފުނީގެ ދެ ރިސޯޓެވެ. އެއީ، ރައީސް އޮފީހުގެ މިނިސްޓަރު އަލި ޝިޔާމްގެ އާއިލާ އިން ހިންގާ ކުންފުންޏެކެވެ. ޖޭ ޑަބްލިއު ރިސޯޓު ހިމެނުނު ނަމަވެސް އެ ރިސޯޓުގެ އޯނަރަކީ އިންޑިއާގެ ކުންފުންޏެކެވެ.

ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރިސޯޓެކެވެ. ސަންލޭންޑަކީ ވެސް ގިނަ ރިސޯޓްތަކެއް ހިންގާ ކުންފުންޏެކެވެ.

މި އުސޫލުގެ ދަށުން ދަށުން ހާމަކުރާނީ ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި، ރަޖިސްޓްރީ ނަންބަރާއި، ކުންފުންޏެއް ނަމަ، ކުންފުނީގެ ލޯގޯ އެވެ.

"ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން އެންމެ ފުރަތަމަ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރާނީ މީރާގެ ޓެކްސްޕެއާސް ސާވިސް ސެންޓަރުގަ އެވެ. އެތަނުގައި 15 ދުވަސް ވަންދެން އެ މައުލޫމާތު ފެންނަ ގޮތަށް ބަހައްޓާނެ އެވެ. އަދި މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ނަމަ ހާމަކުރަނީ މީރާގެ ވެބްސައިޓުގަ އެވެ. ވެބްސައިޓުގައި އާންމުކުރާތާ 15 ދުވަސް ފަހުން، އެ މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ގެޒެޓްގައި އާންމުކުރާނެ އެވެ. މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ސޯޝަލް މީޑިއާގަ އެވެ.

މި ލިސްޓުގެ ދަށުން ޓެކްސް ނުދައްކާ އެކި ޓެކްސްތައް ދައްކަން ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރާނީ އެކި ދުވަސްވަރު އެވެ. ޖީއެސްޓީ އާއި ޖީއާރްޓީ އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ކޮންމެ އަހަރެއްގެ މާޗު މަހާއި ސެޕްޓެމްބަރު މަހުގަ އެވެ.

އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އޮކްޓޫބަރު މަހެއްގަ އެވެ. ޓޫރިޒަމް ދާއިރާ އާއި އެގްރިކަލްޗަރަލް ދާއިރާގެ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ އޭޕްރީލް މަހާއި އޮކްޓޫބަރު މަހުގަ އެވެ.

މިގޮތަށް ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ޓެކްސް ފައިސާ ދައްކައިފި ނަމަ އެ ފަރާތުގެ ނަން މީރާގެ ލިސްޓުން އުނިކުރާނެ އެވެ.

މީރާގެ އޮފިޝަލް ވިދާޅުވީ ކުލި ނުދައްކާ ހިންގާ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކެއް ނުހިމެނޭ ކަމަށެވެ.