މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްފައިވާ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރައީސް ސޯލިހުގެ ވައުދުފުޅާއެއް ގޮތަށް ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ފަނަރަ ދުވަހު ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކުޑަގިރީގައި ސްޓެލްކޯއިން ހަވާލުވެފައިވަނީ އެ ރަށުގެ މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމެވެ.

ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، ޖުމްލަ 3،000 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް އެކަމުގެ ދިރާސާތައް ކުރުމަށް ވެސް ސްޓެލްކޯއިން އަންނަނީ ވިސްނަމުންނެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި ސްޓެލްކޯގެ އެކްޓިން ޗެއާމަން އަހުމަދު ލަތީފާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން، އެ ރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ބުދަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެ ރަށުގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައިފަ އެވެ.

މާލެ އާ 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.

މާލެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ އާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ހަދާ ރަށެކެވެ.

ދަތުރުދިޔުމަށް ތަރައްގީކުރާ ރަށަކީ މާލެއިން ފުރައިގެން ގާތްގަޑަކަށް 20 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައިވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެ ރަށް ބަންދުކޮށްފައި ވަނީ 2013ވަނަ އަހަރު އެވެ.