ރިޔާދުު (27 މެއި) - ސައޫދީ އަރަބިއާގެ ތެލުގެ ވިޔަފާރި އިތުރަށް ތިޔާގިވެ، މިދިޔަ މާޗް މަހު އެކްސްޕޯޓް ކުރި ތެލުގެ އަގު މިދިޔަ ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް 30 މިލިއަނަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގައުމުގެ ސްޓެޓިސްޓިކް އޮފީހުން ބުނި ގޮތުގައި މިހާރު އެކްސްޕޯޓްކުރާ މިންވަރުން ދުވާލަކު 1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު 123 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

މާޗް މަހަށް ބަލާއިރު ސައޫދީ އަރަބިއާގައި ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު 10.3 މިލިއަން ފީފާއަށް އިތުރުވެފައިވެ އެވެ. ކޮންމެ ފީފާއެއް 112 ޑޮލަރަށް ވިކޭއިރު މި އަގަކީ މިއަހަރު ފެށުނު އިރަށް ވުރެ 50 ޕަސެންޓް މަތި އަގެކެވެ.

ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ އިތުރުވެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހަށް ބަލާއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ 15 ބިލިއަން ޑޮލަރު އިތުރެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނާ ގޮތުގައި ސައޫދީ އަރަބިއާގެ އިގްތިސާދަކީ މިއަހަރު އެންމެ ހަލުވި ކަމާއެކު ކުރިއަރާނެ އިގްތިސާދެކެވެ.

މާޗް މަހު ސައޫދީ އަރަބިއާގެ ޖުމްލަ އެކްސްޕޯޓުގެ އަގު 93 ޕަސެންްޓް އިތުރުވެފައިވާއިރު ޖުމްލަ އެކްސްޕޯޓުގެ ނިސްބަތުން ތެލުގެ އެކްސްޕޯޓް އުޅަނީ 80 ޕަސެންްޓްގަ އެވެ. މިއީ މިދިޔަ އަހަރުގެ މި އަދަދާ ބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެކެވެ.

މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ބޮޑުވެފައިވާއިރު ގިނަ ގައުމުތަކަކުން އަންނަނީ ފަހަށް ރައްކާކުރާނެ ތެޔޮ އެތެރެ ކުރަމުންނެވެ. ސައޫދީ އަރަބިއާއިން އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި ޖަޕާން، އިންޑިއާ، ޗައިނާ، ދެކުނު ކޮރެއާ އަދި އެމެރިކާ ހިމެނެ އެވެ.

އޯޕެކްގެ 23 ގައުމުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ މަހަކު ތެލުގެ އުފެއްދުންތެރިކަން އިތުރު ކުރަމުން ދާތީ ކުރިއަށް އޮތް ތަނުގައި ވެސް ސައޫދީ އަރަބިއާގެ ތެލުގެ ވިޔަފާރި އިތުރަށް ތިޔާގިވާނެ ކަމަށް ލަފާ ކުރެވެ އެވެ. -- އަލް އަރަބިއްޔާ