ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ސިންގަޕޫރަށާއި މެލޭސިއާއަށް ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްއެސްއެސްއިން ބުނީ ސިންގަޕޫރާއި މެލޭސިއާއިން ސީދާ ރާއްޖެއަށް މުދާ ގެނުމަށްޓަކައި އަންނަ ޖުލައި މަހު ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިދަތުރުތަކުގައި ބޭނުންކުރާ އިތުރު ބޯޓެއް ޖޫން މަހު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

މިހާރު ރާއްޖެއަށް ސިންގަޕޫރިން މުދާ ގެންނަނީ ކޮލަންބޯ މަގުންނެވެ. އެހެން ނަމަވެސް މިބޯޓު އޮޕަރޭޝަންއަށް ގެނެވުން ސިންގަޕޫރިން ސީދާ މާލެއަށް މުދާ ގެނައުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެމްއެސްއެސް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އެމްއެސްއެސްއިން ހިދުމަތްދޭ މަންޒިލްތަކުގެ އިތުރުން އެހެން މަންޒިލްތަކުން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މި ކުންފުނީގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓު ގަލޭނާގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ވަނީ ބަލްކް ކެރިއާއެއް ގަނެފަ އެވެ. "އެމްއެސްއެސް ކްރޮމް"ގެ ނަން ދީފައިވާ މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރުމަށެވެ. މިބޯޓު ވަރަށް އަވަހަށް މުދަލާއެކު ރާއްޖެ އަންނާނެ އެވެ.