ކައުންސިލްތަކަށް ފައިސާ ބީއެމްއެލްގެ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕީއޯއެސް) މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ބީއެމްއެލްގެ އެމްޕީއޯއެސް މެދުވެރިކޮށް ކައުންސިލުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. މި އިންތިޒާމު ހަމަޖެއްސީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، އިގުތިސޯދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ކަމަށް ވެސް އެސާކިއުލާގައި ވަނީ ބުނެފަ އެވެ.

ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް "ބަނޑޭރި ޕޭ" އަށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން ފިނޭންސުން އިތުރު ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ ބަދަލުގައި ކައުންސިލުން ޒިންމާވާނެ މީހަކު ހަމަޖެއްސުމަށްފަހު ފުރިހަމަކުރަން ޖެހޭ ފޯމު ހުށަހެޅުމުން، ސީދާ ބީއެމްއެލްގައި އެދިގެން އެ އިންތިޒާމުތައް ހަމަޖެހޭނެ އެވެ. ސާކިއުލާ ބުނާ ގޮތުން ކައުންސިލުގެ ފަރާތުން ޕީއޯއެސް ހިދުމަތާ ގުޅޭ ކަންކަމުގެ ޒިންމާ އުފުލާނީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ނޫނީ އޭނާގެ މަސްއޫލިއްޔަތު އެވަގުތު ހަވާލުވެފައިވާ ފަރާތަކުންނެވެ.

މިގޮތަށް "ޕީއޯއެސް" މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ފަހިވެގެން ދިޔުމުން ކައުންސިލްތަކުން ހިދުމަތް ހޯދާ މީހުނަށާއި ކައުންސިލްތަކަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ވެސް އެހީތެރިވެދޭނެ އެވެ.