ދިވެހި މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖް ރަނގަޅު ކުރުމަށާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް، 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

ވޯލްޑު ބޭންކުން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ކިތަންމެ ވަރުގަދަ ނަމަވެސް، ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް (2019 ވަނަ އަހަރު 5.3 ޕަސެންޓް) މަތިއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައި ކަމަށެވެ. އަދި އަންހެނުން ވަޒީފާތަކުގައި އުޅޭ ނިސްބަތް ވެސް ހުރީ 46 ޕަސެންޓްގައި ކަމަށާއި، ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ހުނަރުވެރި ދިވެހިން ހޯދުމުގައި، ރިސޯޓުތައް ހިންގާ ފަރާތްތައް ފަދަ ވަޒީފާ ދޭ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ދިވެހި ޒުވާނުން އަމިއްލަ މަސައްކަތްކުރުން އިހްތިޔާރުކުރާ މިންވަރު އިތުރުވަމުން އަންނައިރު، އެފަދަ ޒުވާނުން ރިޓަޔާކުރާ އުމުރަށް އެޅޭއިރު އެކަށީގެންވާ މިންވަރެއްގެ ފައިސާ ރައްކާކޮށް، އާމްދަނީއަށް އަތުވެދާނެ ހީނަރުކަމާއި ކުރިމަތިލާނެ ގޮތްތައް ހޯދައިދިނުމަކީ ވެސް ގޮންޖެހުމަކަށްވާނެ ކަމަށް ވޯލްޑް ބޭންކުން ދެކެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ދިން އެހީ އާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު، މި އެހީތެރިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގްތިސާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް މި ފަށާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ އެވެ.

ނުރަސްމީ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އިގްތިސޯދީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތަކާއި ކާރިސާތައް ފަދަ ކަންކަމުގެ ހާލަތަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށް، އެފަދަ ހާލަތްތަކުގައި އެ ފަރާތްތަކަށް އެ ފައިސާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

މިހާރު ހުރި ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމްކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެއެވެ. އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަޒީފާ ހޯދާ އަންހެނުންނަށް ހިތްވަރު ދެވޭނެކަަމަށް ވޯލްޑު ބޭންކުން ބުނެ އެވެ.

'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 24 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައި ވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.