ރަޝިއާ- ޔޫކްރައިން ހަނގުރާމައިގެ އަސަރު ރާއްޖެއަށް އިންތިހާއަށް ރާއްޖެއަށް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ތަރައްގީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ދެ ދުވަހުގެ ނިޔަލަށް ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވާ ކޮންމެ ހާދިސާއެއްގެ ގެއްލުން އަބަދުވެސް އެންމެ ބޮޑަށް ކުރާ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްގެ ތެރޭގައި ރާއްޖެ ތަހައްމަލު ކުރީ ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮވިޑަކީ އަޅުގަނޑުމެންނައި ބެހޭ އެއްޗެއް ނޫން. އެހެން ނަމަވެސް މުޅި ގައުމު އެއްކޮށް ބަންދުކޮށްގެން ތިބެން ޖެހިއްޖެ. ކޮވިޑާ ގުޅިގެން ދަތުރު ފަތުރު ހުއްޓި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވި. މާލީ އެތައް ބުރައެއް އުފުލަން ޖެހުނު. މިއަދު ޔުކްރެެއިންގައި ހިނގަމުން އެދާ ހަނގުރާމައިގެ އަސަރު އިންތިހައަށް އެބަކުރޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެ ގައުމުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެ ދެ ގައުމުން އެއްޗިއްސެއް ބޭރެއް ނުކުރެވޭ. މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ބަޖެޓްކޮށްފައި ހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދު ކުރަން އެބަޖެހޭ."

ރައީސް ވިދާޅުވީ ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ އަސަރު އިންތިހާއަށް ރާއްޖެއަށް ކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި ތަރައްގީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިއާއަށް އުފުލުމާއި، ޤައުމުތަކުގެ މާލީ ހާލަތަށް ދިމާވާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިގްތިސާދީ ދަތިކަން ވީހާވެސް ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު އަޅައި، ބައެއް މަޝްރޫޢުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ރަނގަޅު މިސްރާބަށް އަމާޒު ހިފާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިކޮންފަރެންސަކީ ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކުގެ އަޑު އަހައި، ހައްލު ހޯދުމަށް ބޭއްވި ކާމިޔާބު ކޮންފަރެންސެއް ކަމަށެވެ. އަދި މިކޮންފަރެންސަށްފަހު ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަކީ ސީދާ ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގެ ކަންކަން ނިންމުމަށް އެކުލަވާލާ ޕްލޭނެއް ކަމަށެވެ. ނަމަވެސް މިހާރު ހުރި އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ މަޝްވަރާގެ މަތީން ޕްލޭން ހެދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.