ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއިން މިރޭ ފާސްކޮށްފި އެވެ.

މިއީ މިހާތަނަށް ބޭންކުން ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، މިދިޔަ 2021 ވަނަ އަހަރު ހޯދުމަށްފަހު، ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑު އަދަދެކެވެ.

މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 48 ރުފިޔާ ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަހަރުގެ ކުރީކޮޅު، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މިރޭ ހިއްސާދާރުން މިވަނީ ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ނިންމާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

"މީގެ ކުރިން ހިއްސާދާރުންނަށް ބެހުނު 13 ރުފިޔާ މި 48 ރުފިޔާގެ ތެރޭގައި ހިމެނޭނެ. ބޭންކުގެ ތާރީހުގައި މިއީ މިހާތަނަށް ދޫކުރެވޭ އެންމެ ބޮޑު އަދަދު،" ޓިމް ވިދާޅުވި އެވެ. "ހީވާގި ކަމާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

އޭނާ ވިދާޅުވީ ކަސްޓަމަރުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެ ބޭންކުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ މިއީ މިހާތަނަށް ބޭންކަށް ހާސިލްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.

އެގޮތުން ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން 2021 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: ބީއެމްއެލް

2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ވަނީ ބަހާފަ އެވެ.