ދައުލަތަށް ކުލި ނުދައްކާ ބައެއް ރިސޯޓުތައް ހިންގަމުން ދިޔަ ނަމަވެސް އެ ރިސޯޓުތަކުގެ ލައިސަންސް ބާތިލް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ކުލި ނުދައްކާ ރިސޯޓްތަކުގެ ލައިސަންސް އަތުލައި ތަން ބަންދުކުރުމަކީ މިނިސްޓްރީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން މިވަގުތު އިސްކަންދެނީ މަޝްވަރާކޮށްގެން ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށެވެ. ތަނެއް ބަންދުކުރުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމަކީ ވެސް ސަރުކާރުން ވިސްނަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދަށް ވިސްނާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އެ ތަންތަނާ މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީރާއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 18 ރިސޯޓަކުން މީރާ އަށް ދައްކަންޖެހޭ ކުލި ނުދައްކާ އެބަ އޮތެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 17 މިލިއަން ރުފިޔާ ނުލިބިވާ ކަމަށްވެސް މީރާގެ އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.

މައުސޫމް ވިދާޅުވީ ކުލި ނުދައްކާ އޮތް 18 ރިސޯޓަށް ނޯޓިސް ދީގެން ފައިސާ ހޯދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ މައްސަލަ އަކީ އަވަސް އަދި ދާއިމީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ދައުލަތުގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ. ރިސޯޓްތަކަށް ފިޔަވަޅު އެޅުމުގައި ސިޔާސީ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.