ހަމައެކަނި ޖަމިއްޔާތަކަށް ކުރިމަތިލެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި، ހުށަހަޅާނެ ގޮތުގެ ތަފްސީލު އަދި މިހާތަނަށް ނިމިފަވާ ޕްރޮޖެކްޓަކުގެ ތަފްސީލު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެ އެވެ.