ކޮލަމްބޯ (30 މެއި) - ވޯލްޑް ބޭންކުން ސްރީލަންކާއަށް 700 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެ އާއްމުވަމުން އަންނަ ރިޕޯޓުތައް އެ ބޭންކުން ދޮގުކޮށްފި އެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އެ ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ދުވަސް ތެރޭ ވޯލްޑް ބޭންކުން ސްރީލަންކާއަށް ލޯނެއް ދޭން ހަމަޖެހިފައިވާ ކަމަށް މީޑިއާގައި އާއްމުވެފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައި މިވަނީ ސްރީލަންކާގެ ފޮރިން މިނިސްޓްރީން އެފަދަ ލޯނެއް ހަަމަޖެހިފައިވާ ކަމަށް މީޑިއާގައި ބުނެފައި ވަނިކޮށެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނީ ސްރީލަންކާގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބެނީސް ވޯލްޑް ބޭންކުން ސްރީލަންކާއަށް އެއްވެސް ކަހަލަ މާލީ އެހީއެއް ނުދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސްރީލަންކާ ވަނީ ސޮވެރައިން ޑިފޯލްޓަކަށް ގޮސްފަ އެވެ. -- ނިއުސްވަޔާ