އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

ބޭހާއި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ރާއްޖެ ގެނެސް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނީގެ ބޯޑުން ވެސް ނިންމީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބެހުމަށެވެ.

ކްރޮސްރޯޑްސްގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި 157 ހިއްސާދާރުން ހާޒިރުވިއިރު، 686 ޕްރޮކްސީއާއެކު ޖުމްލަ 782 ހިއްސާދާރުން ތަމްސީލްކުރި އެވެ.

އެސްޓީއޯއިން ބުނީ މިއީ މިއީ މިހާތަނަށް އެ ކުންފުނީގެ އޭޖީއެމްއެއްގައި އެންމެ ގިނަ ހިއްސާދާރުން ބައިވެރިވި ފަހަރު ކަމަށެވެ.

މިރޭގެ ޖަލްސާގައި ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ހިއްސާދާރަކަށް އަބްދުﷲ ސައީދު ހޮވާފައިވެ އެވެ. އަދި އެ ކުންފުނީގެ އޮޑިޓަރުން އައްޔަންކުރުމާއި މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ޔައުމިއްޔާ ފާސްކުރުން ވެސް އޮތެވެ.

ކްރޮސް ރޯޑްސްގައި މިރޭ ބޭއްވި އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

ކްރޮސް ރޯޑްސްގައި މިރޭ ބޭއްވި އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 ޕަސެންޓް އިތުރުވެފަ އެވެ.

އެ ކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 60ރ. އެވެ. އަދި 2020 ވަނަ އަހަރު ބަހާފައި ވަނީ ހިއްސާއަކަށް 58ރ. އެވެ.