ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތާއެކު ތެޔޮ ސްޓޯރޭޖެއް އެންމެ އުތުރުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މި މަޝްރޫއަކީ އެ ކުންފުނިން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

އަމްރު ފާހަގަކުރެއްވިގޮތުގައި އެސްޓީއޯގެ ފިއުލް ޓާމިނަލްއަކީ ވަރަށް ދުވަސްވެފައިވާ ޓާމިނަލެކެވެ. އަދި ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑު އިތުރުވެފައިވާއިރު، ފިއުލް ޓަރމިނަލް ހުރި ރަށް އިތުރަށް ބޮޑު ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ރިސޯޓުތައް ވެސް ތިން ގުނަ އިތުރުވެއްޖެ. ކޮންސްޓްރަކްޝަން ވަރަށް ބޮޑުވެގެން ހިނގައްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެރަށް އިތުރަށް ބޮޑުކުރެވޭކަށް. އެހެންވީމަ ވަރަށް މުޙިއްމުވޭ އެބަ ސްޓްރެޓެޖިކް ސްޓޯރޭޖެއް ފިއުލްއަށް ހަދަން،" އަމްރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ރިސޯޓުތައް ވެސް ތިން ގުނަ އިތުރުވެއްޖެ. ކޮންސްޓްރަކްޝަން ވަރަށް ބޮޑުވެގެން ހިނގައްޖެ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެރަށް އިތުރަށް ބޮޑުކުރެވޭކަށް. އެހެންވީމަ ވަރަށް މުޙިއްމުވޭ އެބަ ސްޓްރެޓެޖިކް ސްޓޯރޭޖެއް ފިއުލްއަށް ހަދަން،
އަމްރު

އޭނާ ވިދާޅުވީ ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 300އަށް ވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށެވެ. އެހެންކަމުން މި ބޯޓުތަކަށް އަމާޒްކޮށްގެން ބައިނަލްއަޤްވާމީ ބަންކަރިންގެ ޙިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.

"ރާއްޖެ މި އޮންނަ ލޮކޭޝަންއަކީ ވަރަށް ވެސް ތަފާތު ލޮކޭޝަނެއްކަން. ތިޔަބޭފުޅުންނަށް ފެންނާނެ ރަތް ކުލައާއި ފެހި ކުލައިގެ ރޮނގުތަކެއް ދާތަން. އެއީ އެންމެ އުތުރު. އެތާ ކައިރިން ލާފައި ދުވާލަކު މައްޗަށް 300 އަށް ވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރޭ. އެ ސަރަހައްދުގައި ނެތް މާގިނައިނެއް އެއަކަށް ސާވިސް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސްޓްރެޓިކް ސްޓޯރޭޖާ އެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ފްލޯޓިން ސްޓޯރޭޖެއްގައި އިހަވަންދިއްޕޮޅުގައި އެ ހިދުމަތް ފެށުން ކަމަށާއި، އެ ހިދުމަތް ދޭން ފެށުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ކަމަށެވެ.