ފޯބްސްއިން އެކުލަވާލި އަންނަ އަހަރު ޗުއްޓީއަށް ދާން އެންމެ ކަމުދާ މަންޒިލްތަކުގެ އެއްވަނާގައި ރާއްޖެ ހިމަނައިފި އެވެ.

"ބަކެޓް ލިސްޓް ޓްރެވަލް"ގެ ނަން ދީފައިވާ މި ލިސްޓުގައި ޖުމްލަ 21 މަންޒިލް ހިމެނެ އެވެ.

އެ ލިސްޓު ތައްޔާރުކޮށްފައިވަނީ އެކި މަންޒިލްތަކަށް އޮންނަ ޑިމާންޑާއި ޓޫރިސްޓު ތަންތަންނަށް ދަތުރު ދިޔުމަށް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ މިންވަރަށް ބެލުމަށްފަހު ކަމަށް ފޯބްސް އިން ބުންޏެވެ.

އެ ލިސްޓް އެކުލަވާލި އޮވޭޝަން ޓްރެވަލް ގުރޫޕުން ބުނިގޮތުގައި އަންނަ އަހަރު ވެގެންދާނީ ގިނަ ބަޔަކު އެކި ތަންތަނަށް ޗުއްޓީއަށް ދަތުރުކުރާނެ އަހަރަކަށް ކަމަށެވެ. ކޯވިޑް އާއި ގުޅިގެން މިއަހަރުގެ ތެރޭގައި ގިނަ ބަޔަކު ގޭގައި ބަންދުވެފައިތިބި ތިބުމުން އެމީހުން އަންނަނީ އަންނަ އަހަރު ޗުއްޓީއަށް ދާނެ ތަންތަން ހޯދަމުންކަމަށް ވެސް އޮވޭޝަނުން ބުންޏެވެ.

މި ލިސްޓުގެ އެއްވަނަ ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއަކީ ލޯބިވެރިޔާއާއެކު އަންނަން އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އޮވޭޝަނުން ބުންޏެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ ބަލާ ފޫހި ނުވާނެ މަންޒަރުތަކެއް ކަމަށާއި ފީނަން ބޭނުންވާ ފަރާތްތަކަށް ވެސް ރާއްޖެއަކީ މަގުބޫލް ތަނަކަށް ވެގެންދާނެތީ ކަމަށް ބުނެފައިވެ އެވެ.

އެ ލިސްޓުގައި ހިމެނޭ މަންޒިލްތަކުގެތެރޭގައި، ޓެންޒޭނިއާ، ރުވަންޑާ، ނިއުޒިލޭންޑުގެ ކުއީންސްލޭންޑް އަދި އިންޑޮނޭޝިއާގެ ލޮމްބޮކް ހިމެނެ އެވެ.