ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު ސޮއިކޮށްފި އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 20 ސްކޫލެއްގެ ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ފިއެސްޓާ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކަމަށް ދިރާގުން ބުނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ، ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވެގެންދިޔުމަކީ ލިބުނު އުފަލެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި ވެސް މުޖުތަމައުގައި ޒުވާން ހުނަރުވެރި ކުދިން ބިނާކުރުމަށް އެ ކުންފުނިން އެއްބާރުލުން ދެމުން ދާނެ ކަމަށެވެ.

ސޮކާ ވެޓެރަންސްގެ ޗެއާމަން އަލީ ޝަމީމް ވަނީ އެ އެސޯސިއޭޝަންގެ މަގްސަދު ހާސިލް ކުރުމަށް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

"ފުޓްބޯލް ޑިވެލޮޕްމަންޓަށް، ވަކިން ހާއްސަކޮށް ގްރާސްރޫޓް ލެވެލްގައި ކުދިންނަށް ފުޓްބޯޅަ ކުޅެން ފުރުސަތު ހޯދައިދިނުމަށް ދިރާގުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ސޮކަ ވެޓެރަންސްގެ ޗެއާމަން ޝަމީމް ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި، އެ ކުދިންނަށް ކުޅިވަރު ކުޅުމަށް ފުރުސަތު ހޯދައި ދިނުމަށް އެކި ގޮތްގޮތުން އެކި އެސޯސިއޭޝަންތަކުގެ އިތުރުން ޖަމިއްޔާތަކަށް އެހީވަމުންކަން ފާހަގަކޮށްލެވެ އެވެ.