ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކޮށްފި އެވެ.

މިފްކޯއިން ބުނީ މަސްދަޅު ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން މިހާރު މަސްދަޅު ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ.

އަގަށް މި ގެނައި ބަދަލާ އެކު ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590 ރުފިޔާ އިން 740 ރުފިޔާ އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565 ރުފިޔާ އަށް ވިއްކި ފެން މަސް ކޭހެއް ދެން ލިބޭނީ 715 ރުފިޔާ އަށެވެ.

މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް މަތިކޮށްފައިވެ އެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް ތިން ރުފިޔާ ބޮޑުވެފައިވެ އެވެ.

މިފްކޯ އިން ދަޅު މަހުގެ އަގު ބޮޑު ކުރިއިރު ރާއްޖޭގައި މަސް ބަންދުކުރާ އެހެން ކުންފުނި ތަކުން ވެސް ވަނީ މަސް ދަޅުގެ އަގު ބޮޑުކޮށްފަ އެވެ.